ޑެންމާކަށް ސަފީރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ)އާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގެ 14 ވަނަ މާއްދާގައިވާގޮތުގެ މަތިން ކިންގްޑޮމް އޮފް ޑެންމާކަށް ދިވެހިރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅެއް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ރައީސް ފޮނުއްވާފައިވަނީ ޑެންމާކަށް ކަނޑައަޅާ ސަފީރަކަށް މިހާރު ކިންގްޑޮމް އޮފް ބެލްޖިއަމްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ އައްޔަން ކުރެއްވުމަށެވެ.
ގީލާގެ ނަން ދިރާސާކުރުމަށްފަހު ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މި މައްސަލާގައި ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.