ވަގަށް ސިނގިރޭޓް އުފެއްދި ކުންފުނީގެ ވިޔަފާރި ކުރުމުގެ ހުއްދަ އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީ އިން ބާތިލުކޮށްފިއެވެ.
މި ކަމާއި ގުޅިގެން ފުލުހުން މިއަދު މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނީ ވަގަށް ސިނގިރޭޓް އުފެއްދި ކުންފުނީގެ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލު ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީ އިން އެ ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ވެސް ލިބިފައިވާކަމަށް ބުނެފައިވެއެވެ.
ވަގަށް ސިނގިރޭޓު އުފެއްދި މައްސަލައިގައި ހ. ހުޅުގަލީގައި ހުންނަ އެޕާޓްމެންޓެއްގައި ހިންގަމުން ދިޔަ އޮފީހެއް ފުލުހުން ރެއިޑްކުރީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. މި ރެއިޑްގައި އެތަނުން 103 ކާޑުބޯޑު ފޮށީގެ ސިނގިރޭޓު އަތުލައިގަނެފައިވާއިރު އެއީ 49،000 ފޮށީގެ ސިނގިރޭޓެވެ.
ދުންފަތް ކޮންޓްރޯލްކުރުމާއި ގުޅޭ އާންމު ގަވާއިދުގައިވާ ގޮތުން ވިޔަފާރީގެ އުސޫލުން ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ މެޝިނާއި އެފަދަ އެ ނޫންވެސް އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާވި ނަމަވެސް މި ތަކެތީގެ ތެރޭގައި ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް ރޯލްކުރެވޭ މެނުއަލް ކުދިކުދި ޕޯޓަބަލް އާލާތްތަކެއް ނުހިމެނޭނެ އެވެ.
މިތަކެތި ބޭނުންކޮށްގެން ވިޔަފާރި ބޭނުންކޮށްގެން ވިޔަފާރި ބޭނުމަށް ދުންފަތުގެ ވިޔަފާރި ބޭނުމަށް ދުންފަތުގެ ބާވަތްތައް އުފައްދައިފިކަން ފާހަގަކުރެވިއްޖެ ނަމަ މި ގަވާއިދުގެ ދަށުން އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރާނެ ކަމަށާއި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނުދެވޭ ތަކެތި ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ގަތުގެ މަތިން އަނބުރާ ރާއްޖެއިން ބޭރަށް ގެންދިއުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.