ރައީސް ޑރ.މުހައްމަދު މުއިއްޒު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހްމަދު ޒާހިރު މިއަދު އައްޔަނު ކުރައްވައިފިއެވެ.
ރައީސް، ހިކުމާ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި ރައީސް އޮފީހުގެ އެހެން ބައެއް އިސް ބޭފުޅުން ބައިވެރި ވެވަޑައިގަންނަވާފައިވެއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހްމަދު ޒާހިރު އައްޔަނު ކުރައްވާފައިވާއިރު ހިކުމާ ވަނީ 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާއި ހަމައަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ސީނިއަ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވާފައިވެއެވެ.
އޭގެ އިތުރުން ހިކުމާ ވަނީ އެވިޑް ކޮލެޖުން ގާނޫނީ ދާއިރާއިން ޑިގްރީ އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލްކުރައްވާފައެވެ.