އެމެރިކާގެ ދެކުނު އިރުމަތީ ސަރަހައްދުތަކަށް ގަދަ ތޫފާނެއް އަރައި، މަދުވެގެން 34 މީހުން މަރުވެއްޖެއެވެ. މިސޫރީ ސްޓޭޓުގައި އެކަނި 12 މީހުން މަރުވެފައިވާއިރު، ތޫފާނުގެ ސަބަބުން ގިނަ އަދަދެއްގެ ގެތައް ވަނީ ވީރާނާވެފައެވެ. އަދި ގިނަ އަދަދެއްގެ ކާރުތައް ވަނީ ހަލާކުވެފައެވެ.
ކެންސަސް ސްޓޭޓުގައި ވެލީގެ ތޫފާނެއްގެ ސަބަބުން 55 އަށްވުރެ ގިނަ އުޅަނދު ވަޅުޖެހި، މަދުވެގެން 8 މީހުން މަރުވެފައިވެއެވެ. އަދި މިޝިގަން، މިސޫރީ އަދި އިލިނޮއިސް ހިމެނޭ ގޮތަށް 7 ސްޓޭޓެއްގައި 250،000 އަށްވުރެ ގިނަ ގޭބިސީން ވަނީ ކަރަންޓު ކެނޑިފައެވެ.
މިސިސިޕީ ސްޓޭޓުގެ ގަވަރނަރ ޓޭޓް ރީވްސް ވިދާޅުވި ގޮތުގައި އެ ސްޓޭޓުގައި 6 މީހުން މަރުވެފައިވެއެވެ. އަދި މި ސަރަހައްދުގައި މޫސުން އިތުރަށް ނުރައްކާތެރި ވެދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައިވެއެވެ. މި ގޮތުން އިރުމަތީ ލުއިޒިއާނާ، ހުޅަނގު ޖޯޖިއާ، މެދު ޓެނެސީ އަދި ހުޅަނގު ފްލޮރިޑާ ޕެންހޭންޑަލްގައި ތޫފާނުގެ އިންޒާރު ދީފައިވެއެވެ.
މިސިސިޕީ، އިރުމަތީ ލުއިޒިއާނާ، ހުޅަނގު ޓެނެސީ އަދި އެލަބާމާ އާއި އަރކަންސަސްގެ ބައެއް ސަރަހައްދުތަކަށް ވަނީ ފެންބޮޑުވުމުގެ އިންޒާރު ދީފައެވެ. ނޭޝަނަލް ވެދަރ ސަރވިސް (އެންޑަބްލިއުއެސް) އިން ބުނެފައިވަނީ މި ފެންބޮޑުވުންތަކަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
އެންޑަބްލިއުއެސް އިން އިތުރަށް ބުނެފައިވަނީ މި ސަރަހައްދުތަކުގައި ދިގު މުއްދަތަކަށް ދެމިގެންދާ ގަދަ ތޫފާންތަކެއް އަރާފާނެ ކަމަށާއި، މިއީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށެވެ. އަދި މި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވީހާވެސް ރައްކާތެރި ތަނަކަށް ގޮސް، ތޫފާން ފިލައިގެންދަންދެން އެތަނެއްގައި މަޑުކުރުމަށް އިރުޝާދު ދީފައިވެއެވެ.