ޔަމަނުގެ އީރާނާ ގުޅުން އޮތް ހޫޘީންނަށް އަމާޒުކޮށް އެމެރިކާއިން ހޮނިހިރު ދުވަހު ދިން މި ހަމަލާގައި މަދުވެގެން 19 މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި ހަމަލާއަކީ ރެޑް ސީގެ ދަތުރުތަކަށް ހުރަސްއެޅުމުގެ ގޮތުން ހޫޘީން ދެމުންދާ ހަމަލާތަކަށް ޖަވާބު ދިނުމުގެގޮތުން އެމެރިކާއިން ދިން ހަމަލާއެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕް ވަނީ ހޫޘީން ހަމަލާތައް ހުއްޓާނުލައިފިނަމަ "ނަރަކައިގެ އަލިފާން" އެމީހުންގެ މައްޗަށް ވެއްސޭނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އަދި އީރާނަށްވެސް ވަނީ ހޫޘީންނަށް ދޭ އެހީތެރިކަން ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ.
މި ހަމަލާތަކަކީ ޓްރަމްޕް ރައީސްކަމަށް އައި ފަހުން މެދު އިރުމަތީގައި އެމެރިކާއިން ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް ވެއެވެ. އެއް އޮފިޝަލަކު ބުނާ ގޮތުގައި މި ހަމަލާތައް ދުވަސްތަކަކަށް އަދި ފަހަރެއްގައި ހަފްތާތަކަކަށް ދެމިގެން ހިނގައިދާނެއެވެ.
ހޫޘީންގެ ސިޔާސީ ބިއުރޯއިން މި ހަމަލާތައް ސިފަކޮށްފައިވަނީ "ހަނގުރާމައިގެ ކުށެއް" ގެ ގޮތުގައެވެ. އަދި އެމީހުންގެ ހަތިޔާރުއެޅި ބާރުތައް ވަނީ ހަމަލާއަކަށް ހަމަލާއަކުން ޖަވާބުދިނުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށް ބުނެފައިވެއެވެ.