އެސްއެމްއީ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އައިޝަތު ފިފްޝީން އަލީ ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އެ މަގާމުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ވަކި ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ފިފްޝީން މަގާމުން ވަކިކޮށްފައި މިވަނީ އޭނާ އެ މަގާމަށް އައްޔަންކުރިތާ އެއް އަހަރާއި ދެ މަސް ދުވަސް ފަހުންނެވެ.
ފިފްޝީން ބޭންކިން ދާއިރާ އަދި ފިނޭންސް ދާއިރާގެ ކެރިއަރު ފެއްޓެވީ ބޭންކް އޮފް މޯލްޑިވްސްގައި 2003 ވަނަ އަހަރުއެވެ. އޭނާ ވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ.
އޭނާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސްއިން ޕްރޮފެޝަނަލް ބޭންކަރެއްގެ ގޮތުގައި ތަމްރީން ހޯއްދަވާފައެވެ. އަދި މެލޭޝިޔާއިން ވެސް ޗާޓާޑް ބޭންކާއެއްގެ ކޮލިފިކޭޝަން ހޯއްދަވާފައެވެ.
އެސްޑީއެފްސީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރަން އުފައްދާފައިވާ ކުންފުންޏެކެވެ.