އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗުތަކަށް ހެންވޭރު ފެރީ ޓަރމިނަލް ހުޅުވާލައިފިއެވެ.
އެމްޓީސީސީން ބުނިގޮތުގައި މި ޓާމިނަލް އަތޮޅު ފެރީތަކަށް ހުޅުވާލާފައިވަނީ އަތޮޅުތަކަށް ދިއުމަށް ލޯންޗު ފެރީ ޚިދުމަތް ހޯދާ ރައްޔިތުންނަށް މާލެއަށް އަރައި ފޭބުމުގައި މިވަގުތު ތަހައްމުކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ސަރުކާރުން އެ ކުންފުންޏަށް އެންގުމާއި ގުޅިގެންނެވެ.
އަދި އެގޮތުގެ މަތިން ހެންވޭރު އަދި ހުޅުމާލެ ފެރީ ޓަރމިނަލް ބޭނުން ކުރުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެމްޓިސީސީން ބުނެފައިވެއެވެ.
އެކުންފުނިން ހާމަކުރިގޮތުގައި އޭގެ ތެރޭގައި ހިމެނެނީ އދ. ކ. އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކެވެ.
އެމްޓީސީސީން ބުނީ މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު ޚިދުމަތް ފެށުމުން ދުވާލަކު 15 ލޯންޗް ފެރީއަށް ޓަރމިނަލުން ޚިދުމަތް ދެވޭނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ.
"އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުން. މި ޚިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓަރމިނަލުން އެއްފަހަރާ ފަސް ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ހަމަޖައްސާނެ. އަދި ހުޅުމާލޭ ފެރީ ޓަރމިނަލުން އެއްފަހަރާ ތިން ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ވާނީ ޚާއްސަކޮށްފައި" އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ބުނީ ކޮންމެ އުޅަނދަކަށްވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނެޓުގެ ވަގުތެއް ލިބޭނެކަމަށެވެ. އަދި ދަތުރުވެރީން ޓަރމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ޚާއްސަ ސަރަހައްދެއް ޓަރމިނަލް ތެރޭ އިންތިޒާމުކުރާނެކަމަށާއި ދަތުރުވެރީންގެ ފަސޭހައަށްޓަކައި ޓަރމިނަލްގެ ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން ޓަރމިނަލްގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާއަށް ބަލައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.