އަސްކޮއި ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން މީހުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ ކަމަށް ބުނާ މައްސަލަ ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އަސްކޮއި ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑް އިން ވަނީ ރަމަޟާންމަހުގެ ފަހު ފަނަރަ އާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމުރާއަށް ދާން އެތައް ބަޔަކު އަތުން ރުފިޔާ ނެގުމަށްފަހު، ޢުމްރާއަށް ނުގެންދެވޭނެކަން ފަހުން އަންގާފައިވާކަމަށާއި ރިފަންޑުވެސް ދީފައި ނުވާކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
"ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން، އުމްރާވެރިންގެ ޤަވާއިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން." މިނިސްޓަރު ވިދާޅުވިއެވެ.
އަސްކޮއިއަށް ފައިސާ ދެއްކި ފަރާތަކުން "ދިޔަރެސް"އަށް މައުލޫމާތު ދިންގޮތުގައި ފައިސާ ނެގުމަށްފަހު އެތައް ދުވަހަކު އޮޅުވާލުމެއްގެ ތެރޭގައި ބޭތިއްބުމަށްފަހު "ދިމާވި މައްސަލައެއްގެ ސަބަބުން ރުފިޔާ ދައްކާފައިވާ އުމްރާ ދަތުރު ކުރެވޭނެ ގޮތެއް ނެތްކަމަށް" ބުނެ ރަމަޟާންމަހުގެ ހަވަނަ ދުވަހުގެ ރޭ އެ ކުންފުނިން މެސެޖުކޮށްފައިވާކަމަށެވެ.
"އެކޮޅުން ބުނީ ރިފަންޑު ލިބޭނީ އޭޕްރިލް ހަތަރެއްގެ ފަހުންކަމަށް. އަޅުގަނޑުމެން އެހެން ގުރޫޕަކުން އަނެއްކާވެސް ރަމަޟާންމަހުގެ އުމްރާއަށް ޖާގަ ހޯދުމަށްފަހު އެ ގުރޫޕަށް ފައިސާ ދެކުމައްޓަކައި އަސްކޮއި ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަޅުގަނޑުމެން ދައްކާފައިވާ ދެ ލައްކަ ފަންސާސް ދެހާސް ރުފިޔާ ރިފަންޑު ކޮއްދިނުމަށް އެދުމުންވެސް އެއްވެސް ރުފިޔާއެއް ރިފަންޑު ކޮށެއްނުދިން" އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
އޭނާ ބުނިގޮތުގައި އެ ޖަމާޢަތުން ވަނީ މީގެ ކުރިންވެސް މިގޮތަށް އޮޅުވާލާފައިވާކަމަށް އޭނާއަށް ވަނީ މައުލޫމާތު ލިބިފައެވެ. އިސްލާމިކް މިނިސްޓްރީންވެސް އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި، އަސްކޮއި ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްއަށް ދީފައިވާ ހުއްދަ ބާތިލްކޮށް އެފަރާތަށް ހައްޤުވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އެދޭކަމަށްވެސް ބުނެފައިވެއެވެ.