ޕާކިސްތާނުގެ ބަލޫޗިސްތާން ސަރަހައްދުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ހައިޖެކްކުރި ފަސިންޖަރުންގެ ރޭލަކުން މަދުވެގެން 346 މީހުން ސަލާމަތްކޮށްފިކަމަށް އެ ގައުމުގެ ސިފައިން ބުދަ ދުވަހު ބުނެފިއެވެ.
ސިފައިންގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި ސަލާމަތްކުރުމުގެ އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާ އިރު، ހަމަލާ ދިން 33 ހަނގުރާމަވެރިން މަރާލެވިފައިވެއެވެ. މި ހާދިސާގައި މަދުވެގެން 27 ރަހީނުންނާއި ސިފައިންގެ އެކަކު މަރުވެފައިވާކަމަށް ސަލާމަތީ ކަންކަމާ ގުޅުންހުރި ފަރާތްތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވެއެވެ.
ޕާކިސްތާނުން ބަލޫޗިސްތާން ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން އަންގާރަ ދުވަހު ޖައްފަރު އެކްސްޕްރެސް ޓްރެއިނަށް ދިން ހަމަލާގެ ޒިންމާ ނަގާފައިވެއެވެ. އެ ޖަމާއަތުގެ ތަރުޖަމާނު ޖީޔަންދް ބަލޫޗް ބުނި ގޮތުގައި ޖަލުގައި ތިބި އެ ޖަމާއަތުގެ މެންބަރުން ދޫކޮށްލުމަށް އެއްބަސްވެއްޖެނަމަ ރަހީނުކުރި ފަސިންޖަރުން ދޫކޮށްލަން ތައްޔާރަށް ތިބިކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.
ބަލޫޗިސްތާނުގެ ވެރިރަށް ކުއެޓާއިން ޚައިބަރު ޕަޚްތުންޚްވާ ސޫބާގެ ވެރިރަށް ޕެޝަވަރަށް ދަތުރުކުރަމުންދިޔަ މި ރޭލަށް ހަމަލާ ދީފައިވަނީ ކުއެޓާއިން 160 ކިލޯމީޓަރު ދުރުގައިވާ ސިބީ ސިޓީ ކައިރީގައިވާ ޓަނަލްތަކެއްގެ ތެރެއިން ދަތުރުކުރަމުންދަނިކޮށެވެ. ހަމަލާ ދިން އިރު މި ރޭލުގައި 400 އަށްވުރެ ގިނަ ފަސިންޖަރުން ތިބިކަމަށް ވެއެވެ.