ވޮޝިންގްޓަންގައި ހުންނަ ލިތުއޭނިއާގެ ސަފީރު އޯޑްރާ ޕްލެޕީ، ލިތުއޭނިއާގެ ނިއުސް ވެބްސައިޓަކަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވެފައިވަނީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަސްކަރީ ފަންޑު ޕްރޮގްރާމް އަލުން ފަށައިފިކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ލިތުއޭނިއާއިން އަސްކަރީ އާލާތްތަކާއި ސާމާނު އެމެރިކާއިން ގަންނާނެއެވެ. އަދި ބައިނަލްއަޤްވާމީ ދަރިވަރުންގެ ޕްރޮގްރާމްވެސް އަލުން ފަށާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު 10 ލިތުއޭނިއާ އޮފިސަރުންނަށް އެމެރިކާގައި ތަމްރީނު ދެވެއެވެ.
މި ޕްރޮގްރާމްތަކުގެ އަގު އަހަރަކު ދިހަ މިލިއަން ޔޫރޯއަށް އަރާކަމަށް ވެބްސައިޓުން ހާމަކޮށްފައިވެއެވެ. މި ޕްރޮގްރާމްތަކަކީ ޕެންޓަގަނުން ފޯރުކޮށްދޭ އެހީއާ ނުވަތަ ލިތުއޭނިއާގައި އެމެރިކާ ސިފައިން ބޭތިއްބުމާ ސީދާ ގުޅުން ހުރި ކަންކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.
މިހާރު ލިތުއޭނިއާގައި ގާތްގަނޑަކަށް 1،000 އެމެރިކާ ސިފައިން ރޮޓޭޝަން އުސޫލުން ތިބެއެވެ.
މި އަހަރުގެ ފެބްރުއަރީ މަހު، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރު ޤައުމުތަކަށް ދޭ ހުރިހާ އެހީއެއް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް އިޢުލާނުކުރިއެވެ. މިގޮތަށް އެހީތައް މެދުކަނޑާލީ އެހީތައް މުރާޖަޢާ ކުރުމަށެވެ.
ބަލްޓިކް ސްޓޭޓްތަކަކީ އުތުރު ޔޫރަޕްގައި އޮންނަ ތިން ޤައުމެވެ. އެއީ އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާ އެވެ. މި ކޮންމެ ޤައުމެއްގައިވެސް އެ ޤައުމަކަށް ޚާއްޞަ ބަހަކާއި ސަގާފަތެއް އޮވެއެވެ. ނަމަވެސް، ޖިއޮގްރަފީގެ ގޮތުން ކައިރީގައި އޮތުމާއި، ފަހުގެ ތާރީޚުގައި އެއް ތަޖުރިބާތަކެއް ކުރުމުގެ ސަބަބުން މި ޤައުމުތައް އެއްކޮށް ގްރޫޕްކުރެވެއެވެ.
ބަލްޓިކް ކަނޑާ ކައިރީގައި އޮންނަ މި ތިން ޤައުމަކީވެސް ކުރިން ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް ޤައުމުތަކެކެވެ. 1991 ވަނަ އަހަރު މި ޤައުމުތަކަށް މިނިވަންކަން ލިބުނެވެ. މިހާރު މި ޤައުމުތަކަކީ ޔޫރަޕިއަން ޔޫނިއަން އަދި ނޭޓޯގެ މެމްބަރުންނެވެ.