މި އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު މިދިޔަ ފެބްރުއަރީ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 76 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ޖުމްލަ 363 ރުފިޔާ ލިބިފައިވެއެވެ.
މިއީ އޭގެ ކުރީ މަހު ލިބުނު 287 މިލިއަން ރުފިޔާއަށް ވުރެ 76 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފެބްރުއަރީ މަހު ކަސްޓަމްސް އިން އެންމެ ގިނައިން އިމްޕޯޓުކޮށްފައިވާ ބާވަތްތަކަށް ބަލާއިރު, އޫރުމަހާއި ބަނގުރާ އަދި ދުންފަތުގެ ބާވަތްތައް ނުހިމަނައި 968 މިލިއަން ރުފިޔާގެ ކާބޯތަކެތި އިމްޕޯޓުކޮށްފައިވެއެވެ.
އަދި 762 މިލިއަން ރުފިޔާގެ ޑީސެލް, ޕެތްރޯލް އަދި އޭވިއޭޝަން ތެޔޮ އިމްޕޯޓު ކޮށްފައިވެއެވެ. މީގެއިތުރުން, 751 މިލިއަން ރުފިޔާގެ މެޝިނަރީ އަދި މެކޭނިކަލް އާލާތްތަކުގެ އިތުރުން, 329 މިލިއަން ރުފިޔާގެ ބޭސް މެޓަލް ވެސް ވަނީ އިމްޕޯޓު ކޮށްފައެވެ.
މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި ބާވަތްތަކަށް ބަލާއިރު, 114 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަހާއި, 36 މިލިއަން ރުފިޔާގެ ބަންދުކުރި ކަޅުބިލަމަސް ހިމެނެއެވެ. އަދި 32 މިލިއަން ރުފިޔާގެ ގަނޑުކުރި ރީނދޫ އުރަހަ ކަންނެއްޔާއި ހަ މިލިއަން ރުފިޔާގެ ފްލޯސް މީލްސް އެންޑް ޕެލެޓްސް އޮފް ފިޝްގެ އިތުރުން ފަސް މިލިއަން ރުފިޔާގެ ޗިލްޑް ރީނދޫ އުރަހަ ކަންނެލިވެސް ބޭރުކޮށްފައިވެއެވެ.
މި އަހަރުގެ ޖެނުއަރީގައި 5.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، ފެބްރުއަރީ މަހު އިމްޕޯޓުކޮށްފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 800 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ނަމަވެސް މިދިޔަމަހުގެ އެކްސްޕޯޓުވަނީ އިތުރުވެފައެވެ. ޖެނުއަރީގައި 144 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރިއިރު، ފެބްރުއަރީ 223 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. މިއީ 79 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.