ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް އަލުން މެންބަރަކު އައްޔަން ކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންކަމުގައި ވުމާއެކު، އުމުރުން 30 އަހަރު ފުރިފައިވާ ބޭފުޅުންނަށް ވާންޖެހެއެވެ. މީގެއިތުރުން، ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރު، އަދި ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި ވަނަވަރު ހިމެނޭ ގޮތަށް ލިޔެކިޔުންތައް މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 1:00އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.
ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް ސިވިލް ސާވީސް ކޮމިޝަނުގެ ނައިބް ރައީސްގެ މަގާމުން އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފާވަނީ އިއްޔެއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޭނާ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފެށުމަށް ވަނީ ފާސްކޮށްފައެވެ. ނަމަވެސް އޭނާ ވަކިކުރުމުގެ މަަރުހަލާ ފަށަން ކޮމިޓީން ނިންމީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.