Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ދޭން އަލުން ފަށަން އެމެރިކާއިން ނިންމައިފި

އެމެރިކާއިން ޔޫކްރެއިނަށް ދެމުން އައި އަސްކަރީ އެހީތެރިކަން އަލުން ފަށަން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ޔޫކްރެއިނުން ރަޝިޔާއާއެކު 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ޔޫކްރޭނުން ތާއީދުކުރުމާ ގުޅިގެންނެވެ.

ސައުދީ އަރަބިޔާގެ ޖިއްދާގައި 8 ގަޑިއިރަށްވުރެ ދިގު މަޝްވަރާތަކަކަށްފަހު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ މިހާރު މި ހުށަހެޅުން ރަޝިޔާއަށް ހުށަހަޅާނެ ކަމަށާއި، ދެން އޮތީ ރަޝިޔާގެ ޖަވާބަށް އުންމީދު ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ރަޝިޔާއިން ވީހާވެސް އަވަހަކަށް އާނއެކޭ ބުނުން. އޭރުން އަޅުގަނޑުމެންނަށް މީގެ ދެވަނަ ފިޔަވަހި ކަމުގައިވާ ޙަޤީޤީ މަޝްވަރާތަކަށް ދެވޭނެ،" ރޫބިއޯ ނޫސްވެރިންނަށް ވިދާޅުވިއެވެ.

އެމެރިކާގެ މިނިންމުމާއިއެކު މިހާރު ވަނީ ޔޫކްރޭނަށް ޖާސޫސީ މައުލޫމާތު ދިނުން ހުއްޓާލަން ހަފްތާއެއް ކުރިން ނިންމި ނިންމުމަށް ނިމުން ގެނެސް އަލުން ޖާސޫސީ މައުލޫމާތުތައް ޔޫކްރޭނަށް ދޭން ފަށާފައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ފުރިހަމަ ސްކޭލްގެ ހަމަލާއެއް ދިނީ 3 އަހަރު ކުރިންނެވެ. މިހާރު ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބައި ހިފާފައެވެ. މީގެ ތެރޭގައި 2014 ގައި އަތުލި ކްރައިމިއާވިމިއާވެސް ހިމެނެއެވެ.
ރޫބިއޯ ވިދާޅުވީ އެމެރިކާގެ އަމާޒަކީ ރަޝިޔާ އަދި ޔޫކްރެއިން ދެ ޤައުމާއެކުވެސް ވީހާވެސް އަވަހަކަށް ފުރިހަމަ އެއްބަސްވުމަކަށް އާދެވުން ކަމަށެވެ.
"ކޮންމެ ދުވަހަކީވެސް މި ހަނގުރާމަ ކުރިއަށްދާ ދުވަހެއް. މީހުން މަރުވޭ، ބޮންއެޅޭ، ދެފަރާތުގެ މީހުންނަށް ގެއްލުންވޭ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރަޝިޔާއިން މިކަމަށް ދޭނެ ޖަވާބަކީ ކޮބައިކަން ޔަޤީނެއް ނޫނެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައިވަނީ ސުލްޙައިގެ އެއްބަސްވުމަކާ މެދު މަޝްވަރާކުރުމަށް ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް އޭނާއާއި ރަޝިޔާގެ ޑިޕްލޮމެޓުން ތަކުރާރުކޮށް ބުނަމުންދަނީ ހަނގުރާމަ ހުއްޓާލުމަކަށް ދެކޮޅު ހަދާ ކަމަށާއި، ރަޝިޔާގެ ދުރު ރާސްތާގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ އެއްބަސްވުމަކަށް ވާސިލުވާން ބޭނުންވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ