މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ރޭ ދަންވަރު 1:30 އިން ފެށިގެން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފަ އެވެ. އަދި އޭގެ ފަހުން މިއަދު 9:30 އާ ހަމައަށް ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ވ. އަތޮޅާ ހަމައަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު، 13:30 އާ ހަމައަށް އިތުރުކޮށްފައިވާކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނީ އުުތުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި ވައި ގަދަވާނެ ކަމަށާއި، އަދި ވިލާގަނޑުގައި 35 މޭލާ ހަމައަށް ވައި ބާރުވުން އެކަށީގެންވާކަމަށެވެ. މި ސަރަހައްދުތަކުގެ ކަނޑުތައް ވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެ އެވެ.
އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ކުރަމުން މިދާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތިން ހެދިފައިވާ ކޮޅިގަނޑެއްގެ އަސަރެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކޮޅިގަނޑުގެ އަސަރު ކުޑަވެ ވިއްސާރަ އަލިވާން ފަށާނީ މާދަމާއިން ފެށިގެންނެވެ.