18 އަހަރު ނުފުރޭ ކުޑަކުދިންތަކެއް ހިނގި މާރާމާރީއަކާއި ގުޅިގެން 2 ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭ 10 ޖަހާކަންހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 18 އަހަރުން ދަށުގެ ކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓް ލިބިފައިވާކަމަށެވެ.
މި މާރާމާރީގައި 18 އަހަރުން ދަށުގެ ކުއްޖަކު ޒަހަމްވެފައިވާ ކަމަށާއި މާރާމާރީގައި ހިމެނޭ 2 ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.
މި މައްސަލާގައި އިތުރު 4 ކުއްޖަކު ހިމެނޭކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. މި މާރާމާރީގައި ޒަހަމްވި ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.