އެމެރިކާ އާއި ހަމާސް ޖަމާއަތުން މެދުވެރިއަކު ނެތި ސީދާ މަޝްވަރާތައް ފެށުމުން އެމަޝްވަރާތަކުގައި އިސްރާއީލަށް ހަމަލާ ދިނުން ފަސް އަހަރާއި ދިހަ އަހަރާއި ދެމެދުގެ މުއްދަތަކަށް ހުއްޓާލަން ހަމާސް އިން ހުށަހަޅާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ހަމާސްއިން އެ މުއްދަތުގައި ހަތިޔާރު ދޫކޮށްލުމަށާއި އަދި ޣައްޒާ ހިންގުމުގައި ބައިވެރިނުވާނެ ކަމަށް ހުށަހަޅާފައިވާ ކަމަށާއި، ހަމާސްގެ ބިމުގެ އަޑީގެ މަގުތަކާއި ހަނގުރާމަވެރި ޙަރަކާތްތައް އަލުން ނުފެށޭނެކަން ކަށަވަރުކުރުމުގައި އެމެރިކާ ބައިވެރިވާނެ ކަމަށް ރައީސް ޓްރަމްޕްގެ ރަހީނުންގެ ކަންކަމާބެހޭ މަންދޫބު، އާދަމް ބޯލަރ، އިސްރާއީލްގެ މީޑިއާއަށް މައުލޫމާތު ދެމުން ވަނީ ބުނެފައެވެ.
މިއީ ހަމާސް އިން މިފަދަ ހުށަހެޅުމެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. އިސްރާއީލުން އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމާސްއިން ވެސް އަދި މިކަމާއި ގުޅޭ ގޮތުން މީޑިއާގައި ވާހަކައެއް ނުދައްކައެވެ.
ބޯލަރ ސީއެންއެންއަށް މައުލޫމާތު ދެމުން ބުނީ މިހާރު ކުރިއަށްދާ މަޝްވަރާތަކުން ހަމާސް އާއި އިސްރާއީލާއިއެކު ހަފްތާއެއްގެ ތެރޭގައި އިތުރު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރެވިދާނެ ކަމަށެވެ.
ހަމާސްއާއެކު ސީދާ މަޝްވަރާތައް ކުރުމަކީ އެމެރިކާގެ ދިގު މުއްދަތުގެ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. އެމެރިކާއިން ހަމާސް ގިންތިކޮށްފައިވަނީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައެވެ. އެހެންވެ މީގެ ކުރިން އެމެރިކާ އިން ހަމާސްއާއި މަޝްވަރާ ކުރަނީ މެދުވެރިން ބޭނުން ކޮށްގެންނެވެ. މީގެ ކުރިން އެމެރިކާ އިން އެންމެ ގިނައިން ހަމާސް އާއި މަޝްވަރާ ކޮށްފައި ވަނީ ގަތަރާއި މިސްރު މެދުވެރިކޮށެވެ. މިހާރު އެމެރިކާ އިން ހަމާސް އާއި ސީދާ މަޝްވަރާތައް ފެށުމުން އިސްރާއީލުން ވަނީ އެކަމާއި ނުރުހުން ވެސް ފާޅުކޮށްފައެވެ.
އެމެރިކާ އިން ހަމާސް އާއި މަޝްވަރާ ކުރާތީ އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައި ވަނީ އިސްރާއީލުގެ ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރ ރޮން ޑަރމަރއެވެ. ހަމާސްއާއެކު މަޝްވަރާ ކުރުމަށްފަހު، ބޯލަރ ބުނެފައިވަނީ އޭނާ އިސްރާއީލުގެ ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރ ރޮން ޑަރމަރގެ ކަންބޮޑުވުންތަކަށް އިހްތިރާމް ކުރާ ކަމަށެވެ. މިނިސްޓަރ ރޮން ޑަރމަރއަކީ އިސްރާއީލްގެ ބޮޑުވަރީރު ބެންޖަމިން ނަތަންޔާހޫގެ ގާތް އެކުވެރިއެއް އަދި އިސްރާއީލުގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ޓީމުގެ ވެރިޔާ އެވެ.
"ޙަޤީޤަތަކީ އަހަރެން ބޭނުންވީ ވަރަށް ނާޒުކު ހިސާބެއްގައި އޮތް މަޝްވަރާތައް އަލުން ފެށުމަށް މަގުފަހިކޮށްދޭން. އަދި އަހަރެން ބޭނުންވީ ހަމާސް ކައިރިން ކަލޭމެން ހާސިލް ކުރަން ބޭނުންވަނީ ކޮން ނަތީޖާއެއްތޯ؟" ބޯލަރ ސީއެންއެންއަށް ބުނެފައިވެއެވެ.
އޭނާ ބުނެފައިވަނީ މި މަޝްވަރާތައް ފެށުނީ އަދިވެސް ދިރިހުރިކަމަށް ޤަބޫލުކުރެވޭ އެމެރިކާ-އިސްރާއީލު ރަހީނަކާއި، އެމެރިކާ-އިސްރާއީލު ދެ ޤައުމުގެ ރައްޔިތުންގެ ގޮތުގައި ތިބި ހަތަރު މީހެއްގެ ހަށިގަނޑު ދޫކޮށްލުމަށް މަޝްވަރާކުރުމަށް ކަމަށާއި، ނަމަވެސް މިއީ ބާކީ ތިބި ހުރިހާ ރަހީނުން ދޫކޮށްލުމުގެ ފުރިހަމަ އެއްބަސްވުމަކަށް ވާސިލުވުމަށް މަގުފަހިކުރުމުގެ ފެށުމެއް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ދިރިތިބި 24 ރަހީނުން ހަމާސްގެ ބަންދުގައި އަދިވެސް އެބަތިއްބެވެ. އޭގެ އިތުރުން ރަހީނުކުރި ފަހުން އިސްރާއީލްގެ ހަމަލާތަކުގައި މަރުވި 35 މީހެއްގެ ހަށިގަނޑު ވެސް ހަމާސްގެ ބެލުމުގެ ދަށުގައި އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަފްތާގައި ޤަޠަރުގައި ބާއްވާ އިސްރާއީލާއި ހަމާސްގެ މަޝްވަރާތަކުގައި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ސަފީރު ވިޓްކޮފް ބައިވެރިވާނެއެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް އިސްރާއީލުގެ މަތީ ފެންވަރުގެ ވަފުދެއް ހޯމަ ދުވަހު ޤަޠަރަށް ވަނީ ފުރާފައެވެ. ވިޓްކޮފް އަންގާރަ ދުވަހު ދޯހާއަށް ވަޑައިގަންނަވާނެ ކަމަށް އިސްރާއީލާއި އެމެރިކާގެ އޮފިޝަލުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދިން، އަދި ޢާންމުކޮށް ވާހަކަދެއްކުމުގެ ހުއްދަ ނެތް، އޮފިޝަލެއް ބުނިގޮތުގައި، އައު ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމެއް ކުރިއަށް އޮތް ހަފްތާތަކުގައި އެކުލަވާލެވިދާނެ ކަމުގެ އުއްމީދު ބޮޑެވެ.
ނަން ހާމަނުކުރާ ގޮތަށް ވާހަކަދެއްކި މިސްރުގެ އޮފިޝަލެއް ބުނާގޮތުގައި، މިސްރުން ހުށަހަޅާފައިވަނީ އެމެރިކާގެ ރަހީނުން އެންމެ ފުރަތަމަ ދޫކޮށްލާގޮތަށް ދެ މަސްދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އިސްރާއީލާއި ހަމާސް އިން އައުމަށެވެ.
ފާއިތުވި ހަފްތާއިން ފެށިގެން، އިސްރާއީލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، އެހީގެ ތަކެއްޗާއި އަދި ތެޔޮ ފޯރުކޮށްދިނުން ހުއްޓާލާފައެވެ. ހަނގުރާމަ ހުއްޓާލާފައިވާ ދުވަސްވަރު ޣައްޒާއަށް ވެއްދި އެހީގެ ތަކެތި މަދުވަމުންދާތީ އެހީދޭ ޖަމާޢަތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. އިއްޔެ އިސްރާއީލުން ވަނީ ޣައްޒާއިން ކަރަންޓް ވެސް ކަނޑާލާފައެވެ.