އިންސާނިއްޔަތާ ދެކޮޅު ކުށްތަކެއް ކޮށްފައި ވާތީ ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓީ ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އިން ނެރުނު އަމުރާއި ގުޅިގެން ފިލިޕީންސް ފުލުހުން އޭނާ ހައްޔަރު ކޮށްފިއެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މިއަމުރު ނެރުނީ ޑުޓާޓީގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅު ކުށްތަކެއް ކޮށްފައި ވާތީ އެވެ.
ހޮންކޮންގުން އެނބުރި އައިތަނުން މަނީލާ އެއާޕޯޓުން ޑުޓާޓީ ހައްޔަރު ކޮށްފައިވާކަން ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ.
2016 އިން 2022 އަށް އޭނާ ފިލިޕީންސްގެ ރައީސްކަން ކުރި ދުވަސްވަރު ހިންގި އަނިޔާވެރި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކުގައި އެތައް ހާސް މީހުން މަރުވެފައިވެއެވެ.
79 އަހަރުގެ ޑުޓާޓީ ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރާއި ގުޅޭ ގުޅޭ ގޮތުން ކުރިން ވާހަކަ ދައްކާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ހުރީ ޖަލަށް ދިއުމަށް ތައްޔާރަށެވެ.
އިންޓަނޭޝަނަލް ކޮލިޝަން ފޮރ ހިއުމަން ރައިޓްސް އިން ދަ ފިލިޕީންސް އިން ވަނީ ޑުޓާޓީ ހައްޔަރުކުރުމަކީ ތާރީޚީ ކާމިޔާބެއް ކަމަށް ބުނެފައެވެ.
"އިންސާފު ހޯދުމުގެ ދަތުރަކީ ދިގު ދަތުރެއް. ނަމަވެސް މިއަދު، އެ ވަނީ އިންސާފާ ދިމާއަށް ކުރާ ދަތުރު ފެށިފައި. ޑުޓާޓީ ހައްޔަރުކުރުމަކީ އޭނާގެ އަނިޔާވެރި ވެރިކަން ފާހަގަކޮށްދޭ ގިނަ މީހުން މެރުމުގެ ޖަވާބުދާރީވުމުގެ ފެށުން،" އައިސީއެޗްއާރުޕީގެ ޗެއަރޕާސަން ޕީޓަރ މަރފީ ވިދާޅުވިއެވެ.
ޑުޓާޓީގެ ކުރީގެ ރިޔާސީ ސްޕޯކްސްޕާސަން ސަލްވަޑޯ ޕަނެލޯ ވަނީ ފިލިޕީންސް އައިސީސީ އިން ވަކިވެފައިވާތީ ޑުޓާޓީ ހައްޔަރުކުރުމަކީ "ޤާނޫނާ ޚިލާފު" ކަމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.
ނަމަވެސް ފިލިޕީންސުން އައިސީސީގެ މެމްބަރުކަމުން ވަކިވުމުގެ ކުރިން ހިނގި ކަމަށް ތުހުމަތުކުރެވޭ ކުށްތަކުގެ މައްޗަށް ފިލިޕީންސްގައި އައިސީސީ އަށް އިޚްތިޞާސް ލިބިގެންވާ ކަމަށް އައިސީސީ އިން ވަނީ ކުރިން ބުނެފައެވެ.
ފިލިޕީންސްގެ ޓީވީ ޗެނަލްތަކުން ދައްކާފައިވާ މަންޒަރުތަކުގައި ފެންނަ ގޮތުގައި މެނީލާގެ އެއާޕޯޓުން ފުލުހުން ޑުޓާޓީ ހައްޔަރު ކުރުމުން އެއާޕޯޓުން ނިކުތް އިރު އޭނާ ހުރީ އަސައެއް ހިފައިގެންނެވެ. ނަމަވެސް އޭނާ ހުރީ ރަނގަޅު ސިއްހަތެއްގައި ކަމަށާއި ސަރުކާރުގެ ޑޮކްޓަރުން އޭނާއަށް ފަރުވާދެމުންދާ ކަމަށް ފިލިޕީންސްގެ އޮފިޝަލުން ބުނެއެވެ.
ގައުމުގެ އެންމެ ބޮޑެތި ސިޓީތަކުގެ ތެރެއިން އެއް ސިޓީގެ ކުރީގެ މޭޔަރެއް ކަމުގައިވާ ޑުޓާޓީ، ވެރިކަމަށް ވަޑައިގެންނެވީ ކުށްކުރުމާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ ވައުދާއެކުއެވެ. ވެރިކަމާއި ހަވާލުވުމަށްފަހު އޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން މަރާލުމަށް ސަލާމަތީ ބާރުތަކަށް ގޮވާލިއެވެ. މި ކެމްޕޭންގައި 6،000 އަށްވުރެ ގިނަ މީހުން ފުލުހުން ނުވަތަ ކޮންބައެއްކަން ނޭނގޭ ފަރާތްތަކުން ވަނީ މަރާލާފައެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މި އަދަދު މިއަށްވުރެ މާ ބޮޑަށް އިތުރުވާނެއެވެ. "ހިޓްލަރ ވަނީ ތިން މިލިއަން ޔަހޫދީން މަރާލާފައި. މިހާރު ފިލިޕީންސްގައި ތިން މިލިއަން މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުން އެބަތިބި. އެމީހުން މަރާލަން ލިބުނަސް އަހަރެން އުފާވާނެ،" އޭނާ ވެރިކަމުގައި ހުރެ ވިދާޅުވިއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާގެ "މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ހަނގުރާމަ" އިން ފުލުހުންގެ އަނިޔާވެރިކަން އިތުރުވެ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވުނު ގިނަ މީހުން ވަނީ ޝަރީއަތެއް ނެތި މަރާލާފައެވެ. މި ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ.
އާންމު ރައްޔިތުންގެ މީހެއްގެ ގޮތުގައި، ހަރުކަށި ބަހުރުވައިން ވާހަކަދައްކާ، އަދި ބާރުގަދަ ފަރާތްތަކާއި ދެކޮޅު މީހެއްގެ ގޮތުގައި އޭނާއަށް ފިލިޕީންސްގެ އާއްމު ރައްޔިތުންގެ ބޮޑު ތާއީދަކާއި ލޯތްބެއް ލިބުނެއެވެ.
އޭނާގެ ދަރިފުޅު، ސާރާ ޑުޓާޓީ އަކީ މިހާރުގެ ފިލިޕީންސްގެ ނައިބު ރައީސްއެވެ. ސާރާއަކީ 2028 ގައި ބާއްވާނެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ލަފާކުރެވޭ ކެންޑިޑޭޓެކެވެ.
ނަމަވެސް 2022 ގެ އިންތިހާބުގައި ބޮޑު ތަފާތަކުން މާކޯސްއާއި ސާރާ ޑުޓާޓީ ކާމިޔާބު ކުރުމަށްފަހު، ޑުޓާޓީ އާއިލާއާއި މިހާރުގެ ރައީސް ފަރްޑިނަންޑް މާކޯސްއާ ދެމެދު އޮތް ގުޅުން ވަނީ އާންމުންގެ ކުރިމަތީގައި ހައިރާންކުރުވަނިވި ގޮތަކަށް ނިމުމަކަށް އައިސްފައެވެ.