ސައުދީ އަރަބިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަތީ ފެންވަރުގެ މަޝްވަރާތަކުގައި އޭނާ ބައިވެރިނުވާނެ ކަމަށެ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ނަމަވެސް އޭނާ ވިދާޅުވީ ޔުކްރެއިން އަދިވެސް ސުލްހައަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.
ޒެލެންސްކީ ހޮނިހިރު ދުވަހު ދެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ހޯމަ ދުވަހު ސައުދީ އަރަބިއާއަށް ވަޑައިގަންނަވާނެ ކަމަށާއި، އެގައުމުގައި ސައުދީގެ ބޮޑުވަޒީރާ ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އޭނާ ނުހުންނަވާނެ ކަމަށާއި، އޭގެ ބަދަލުގައި އޭނާގެ އެހީތެރިން އެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ.
"މި ހަނގުރާމައިގެ ފުރަތަމަ ސިކުންތުން ފެށިގެން ޔުކްރެއިން ދަނީ ސުލްހަ ހޯދަން މަސައްކަތް ކުރަމުން. ޙަޤީޤަތާ އެއްގޮތް ހުށަހެޅުންތައް މޭޒުމަތީގައި އެބަހުރި،" ޒެލެންސްކީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފަރާތުން އަޅުގަނޑުމެން ފުރިހަމައަށް ތިބީ ބިނާކުރަނިވި މަޝްވަރާތަކަށް ތައްޔާރަށް، އަދި ބޭނުންވާ ނިންމުންތަކާއި ފިޔަވަޅުތަކާ މެދު މަޝްވަރާކޮށް އެއްބަސްވެވޭނެ ކަމަށް އުންމީދު ކުރަން،" ޒެލެންސްކީ ވިދާޅުވިއެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން ޔުކްރެއިންއަށް ދެމުން އައި އަސްކަރީ އެހީތެރިކަމާއި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުން ހުއްޓާލައި، މަޝްވަރާތަކުގެ މޭޒަށް އައުމަށް ބާރުއަޅަމުންދާ ވަގުތެއްގައި، ރަޝިޔާއިން ހަމަލާތައް އިތުރުކޮށްފައިވާ ކަމަށް ވެއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ރަޝިޔާގެ ކުރްސްކް ސަރަހައްދުގައި ޔުކްރެއިންގެ ސިފައިން ހިފާފައިވާ ސަރަހައްދުން އެނބުރި ދިއުމަށް ޔުކްރެއިންއަށް ބާރުއެޅުން އިތުރުވެފައިވެއެވެ. މިއީ ވްލަޑިމިރް ޕުޓިންގެ ހަނގުރާމަ ފެށިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން، ޔުކްރެއިންގެ ސިފައިން ވޭތުވެދިޔަ އަހަރުގެ އޮގަސްޓް މަހު ކުއްލި ގޮތަކަށް ހަމަލާދީ ހިފި ސަރަޙައްދެކެވެ.