މާލެ އާއި މާލެ ކައިރި ރަށްތަކުގައި ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި ފުލުހުންނާއި ސިފައިން ގުޅިގެން ފަށާފައިވާ ޓެރަރިޒަމް އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސިފައިންނާ ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ރޭ ވަނީ ފަށާފައެވެ. މިކަން ހާމަކޮށް ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާންވަނީ ކުޑަ ވަގުތުކޮޅެއް ފަހުން ޑިލީޓުކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުން މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ބަޔާން ނެގީ އެކަމާ ގުޅުން ހުރި ބައެއް މައުލޫމާތު ކަށަވަރު ކުރުމަށް ކަމަށެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މީގެ ކުޑަ އިރުކޮޅެއް ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ދެ މުއައްސަސާ ގުޅިގެން ހިންގަމުންދާ ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މާލޭގެ އެކި ސަރަހައްދު ތަކުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުން ދާއިރު, ޖުމްހޫރީ މައިދާނު ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވައި ވަނީ ބަލައި ފާސްކޮށްފައެވެ.
އޮފިސަރުން, އެ އުޅަނދު ހުއްޓުވައި ބަލައި ފާސްކޮށް އެ މީހާ އާ ސުވާލު ކުރާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
"ދިޔަރެސް" އަށް އެނގިފައިވާ ގޮތުގައި އޭނާ ދުއްވަން އިން ޕިކަޕު ޖުމްހޫރީ މައިދާން ކައިިރިން ހުއްޓުވުމަށްފަހު, ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް އޭނާގެ ހާޒިރުގައި ޝަބްނަމް ގޯޅީގައި ހުންނަ އޭނާ ދިރިއުޅޭގެ ހ. ޕްރެސްސައިޑް ވަދެ ވަނީ ބަލައި ފާސްކޮށްފައެވެ. އެ ގޭގައި ހަރަކާތްތެރިވުމަށް ފަހު ފުލުހުން ވަނީ އެގެއިން އޭނާ ހައްޔަރުކޮށްފައެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރި ކޯޓު އަމުރުގަިއ ބުނެފައިވަނީ މާލެ އާއި މާލެ ކައިރި ރަށްތަކުގައި ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށެވެ.
މާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ހުޅުމާލޭގެ ވިނަރެސް ފްލެޓު އަދި އެހެން ސަރަހައްދުތަކުގައި ވެސް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެގޮތުން, ސެނަހިޔާ ފުރަގަހުގައި ހުންނަ ބީހައިވް ޕްރިމިއާ ކުރިމަޓި ހުންނަ ގަރާޖެއް ހުޅުވައިގެން އެތަނުގައި ވެސް ގިނަ އަދަދެއްގެ މޫނު ނިވާ ކޮށްގެން ތިބި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.