ފަލަސްތީނުގެ ޣައްޒާއަށް އިޒްރާއީލް މެދުވެރިކޮށް ލިބެމުން އައި ކަރަންޓްގެ ޚިދުމަތް އެތައް އިންޒާރެއް ދިނުމަށްފަހު އިޒްރާއީލުން ކަނޑާލައިފި ކަމަށް ޣައްޒާގެ ލޯކަލް އޮތޯރިޓީތަކުން ހޯމަ ދުވަހު ކަށަވަރުކޮށްދީފިއެވެ.
އިޒްރާއީލުން ކަރަންޓް ކަނޑާލުމުގެ ސަބަބުން ޣައްޒާގައި ސިއްހީ އަދި ތިމާވެށީގެ ކާރިސާއެއް ކުރިމަތިވުމުގެ ބިރު އެބައޮތްކަމަށް ޣައްޒާ އިލެކްޓްރިސިޓީ ޑިސްޓްރިބިއުޝަން ކުންފުނީގެ ތަރުޖަމާނު މުހައްމަދު ޘާބިތު، ލޯކަލް އަލް-އަޤްސާ ރޭޑިއޯއަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
އިޒްރާއީލުގެ ގަތުލުއާންމު ހަނގުރާމަ ފެށުމުގެ ކުރިން ޓެލްއަވީވުން ޣައްޒާއަށް 10 ޕަވަރ ލައިންތަކެއް މެދުވެރިކޮށް ކަރަންޓު ސަޕްލައި ކުރަމުންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
"އިޒްރާއީލުގެ ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 70% ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކާއި 90% ވެއަރހައުސްތަކާއި ފިހާރަތައް މުޅިން ހަލާކުވެފައިވޭ" ޘާބިތު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރާއީލްގެ ހަމަލާތަކުގައި ޑިސްޓްރިބިއުޝަން ކުންފުނީގެ 80% ވެހިކަލްތައްވެސް ހަލާކުވެފައިވެއެވެ.
އިޒްރާއީލުން ބުނީ ޣައްޒާއަށް ފޯރުކޮށްދެމުންދިޔަ ކަރަންޓްގެ ޚިދުމަތް އާދީއްތަ ދުވަހުން ފެށިގެން ކަނޑާލާފައިވަނީ، އެ ސަރަހައްދުގައި ބްލޮކޭޑެއް ޤާއިމުކުރުމުގެ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ.