ކެނެޑާގެ ލިބަރަލް ޕާޓީގެ ލީޑަރުކަމަށް ކުރީގެ ސެންޓްރަލް ބޭންކަރ މާކް ކާނީ ހޮވި، ޖަސްޓިން ޓްރޫޑޯގެ ބަދަލުގައި އެޤައުމުގެ ބޮޑުވަޒީރުކަމަށް އަންނަން ތައްޔާރުވެއްޖެއެވެ. ރަސްމީ ނަތީޖާއިން ދައްކާގޮތުގައި ކާނީ ވަނީ ވޯޓުގެ 86 ޕަސެންޓް ހޯދައިފައެވެ.
9 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަމުގައި ހުރުމަށްފަހު ޖަނަވަރީމަހު ޓްރޫޑޯ އިސްތިއުފާ ދިނުމާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ހަނގުރާމައިގެ ތެރޭގައި ކެނެޑާ ވަނީ ފިިތިފައެވެ.
"އަޅުގަނޑުމެންގެ އިޤްތިޞާދު ބަލިކޮށްލަން މަސައްކަތްކުރާ މީހެއް އެބަހުރި. އަޅުގަނޑުމެން އޭނާ ކާމިޔާބުވާކަށް ތަނެއް ނުދޭނަން" ކާނީ ވިދާޅުވިއެވެ.
ކެނެޑާއަށް ބޮޑުކުރި ޓެރިފްތަކަށް ޖަވާބުދިނުމުގެ ގޮތުން ޓްރޫޑޯ ވަނީ އެމެރިކާއަށް 30 ބިލިއަން ކެނޭޑިއަން ޑޮލަރުގެ ޓެރިފްތަކެއް ދައްކަން އަންގާފައެވެ. ކާނީ ވިދާޅުވީ "އެމެރިކާއިން އިހްތިރާމް ދައްކަންދެން، ޓެރިފްތައް ދަމަހައްޓާނެ" ކަމަށެވެ.
ސިޔާސީ ތަޖުރިބާއެއްނެތް ބޭރުގެ މީހަކު ކެނެޑާގެ ބޮޑުވަޒީރު ކަމަށް އައި މިއީ ފުރަތަމަ ފަހަރެވެ. ކާނީއަކީ ކެނެޑާ އަދި އިންގްލޭންޑްގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރުކަން ކުރި ފުރަތަމަ މީހާއެވެ.
ޓްރަމްޕްގެ ޓެރިފްތަކާއި އަދި ކެނެޑާއަކީ އެމެރިކާގެ 51ވަނަ ސްޓޭޓް ކަމުގައި ބުނެ ލަގަބުދިނުމުގެ ސަބަބުން ލިބަރަލް ޕާޓީގެ ކުރިއެރުމަށް ޖާގަލިބިފައިވެއެވެ. 2025 ގެ ފެށުމުގައި ޕާޓީއަކީ 20 ޕޮއިންޓަށްވުރެ ފަހަތުގައިވާ ޕާޓީއެއްނަމަވެސް، މިހާރު ކޮންސަވޭޓިވް ޕާޓީއާއި ވާދަކުރެވޭ ވަރުގެ ތާއީދެއް ވަނީ ހޯދާފައެވެ.
އިންތިޚާބު ބާއްވަންޖެހޭނީ އޮކްޓޯބަރ 20 ކުރިންނެވެ. ނަމަވެސް ލިބަރަލް ޕާޓީގެ އިސްއޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނިގޮތުގައި ކާނީ ވަރަށް އަވަހަށް އިންތިޚާބަކަށް ގޮވާލާނެކަމަށް ބެލެވެއެވެ.