މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ އެއްކޮށްލުމަށް ފަހު ވަކިކުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ، އަޖުވަދު މުސްތަފާއަށް އަލުން އެއްކޮށްލި ޕާމަނަންޓް ސެކްރެޓްރީގެ މަގާމު ދީފި އެވެ.
އަޖުވަދާ އެކު އޭރު ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ފާތިމަތު ޝައުފާ ވެސް މަގާމުން ވަކިކުރި އެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ، މި ދެބޭފުޅުން މަގާމުން ވަކިކުރީ މިނިސްޓްރީގެ މެންޑޭޓު ބަދަލުވުމާ ގުޅިގެންނެވެ. ގާނޫނުގައި އޮންނަ ގޮތުން މިނިސްޓްރީއެއް އުވުމާ އެކު އެ މަގާމު ގެއްލޭނެ އެވެ.
އަޖުވަދު ޕީއެސްކަމުން ވަކިކުރި އިރު، އޭނާ ހިމެނެނީ އެންމެ ގިނަ ދުވަހު އެމަގާމުގައި ހިދުމަތްކުރެއްވި ބޭފުޅުންގެ ތެރޭގަ އެވެ. ޓޫރިޒަމް މިނިސްޓްރީގައި ހުންނެވި ޝައުފާ އެމަގާމަށް އައްޔަންކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްފައި ވަނީ، ކުރިން ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ފައިސަލް މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ.