އެމެރިކާގެ އެޑިއުކޭޝަން މިނިސްޓްރީ ނުވަތަ އެޑިއުކޭޝަން ޑިޕާޓްމަންޓް އުވާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައި، އެކަމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ޓްރަމްޕް ސަރުކާރުގެ އެޑިއުކޭޝަން ޗީފް ލިންޑާ މެކްމަހޮންއަށް ސެނެޓުން ރުހުން ދިނީ ވެސް މިދިޔަ ހަފްތާގައެވެ. ނަމަވެސް ޓްރަމްޕް އިއްޔެ ވިދާޅުވީ އޭނާގެ އައު އެޑިޔުކޭޝަން ޗީފް، ލިންޑާގެ މަސައްކަތަކަށް ވާނީ އޭނާގެ ވަޒީފާ ދޫކޮށްލުމަށް ތައްޔާރުވުން ކަމަށެވެ. އެއީ އެޑިއުކޭޝަން ޑިޕާޓްމަންޓް ބަންދުކުރުމެވެ.
ޑިޕާޓްމަންޓް ބަންދުކުރުމަށް ރިޔާސީ ގަރާރެއް މި ހަފްތާގައި ޓްރަމްޕް ނެރޭނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ލަފާކުރެއެވެ. ލިންޑާ އޭނާގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވިދާޅުވީ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ބާރުތައް ސްޓޭޓްތަކަށް ބަދަލުކުރުމަކީ ޑިޕާޓްމަންޓްގެ "އެންމެ ފަހުގެ މިޝަން" ކަމަށެވެ.
އެޑިއުކޭޝަން ޑިޕާޓްމަންޓް އުވާލުން އެއީ ޓްރަމްޕްއަށް އެހައި ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަކަށް ތަޖުރިބާކާރުން ނުދެކެއެވެ. އެޑިއުކޭޝަން ޑިޕާޓްމަންޓް އުވާލާނަމަ ކޮންގްރެސް އިން ގާނޫނެއް ވެސް ފާސްކުރަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި އޭގެ އިތުރުން އާއްމުންގެ ފިއްތުންތަކާއި، ކޯޓުތަކުގެ ހުކުމްތަކެއް ވެސް ޓްރަމްޕްގެ ނިންމުމާއި ދެކޮޅަށް އައުން ގާތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މިހާރުވެސް، ޓްރަމްޕްގެ ސަރުކާރުން ވަނީ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ގިނަ މަސައްކަތްތައް އަލުން ބައްޓަންކުރަން ފަށާފައެވެ. ޓްރަމްޕްގެ ލަފާދޭ އީލޮން މަސްކްގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީން ވަނީ އިސްރާފު ކަމަށް ބުނެ އެތައް މުވައްޒަފުންނެއްގެ ކޮންޓްރެކްޓް އުވާލާފައެވެ. އަދި މަސްކްގެ ޑިޕާޓްމަންޓުން ވަނީ އެޑިއުކޭޝަން ޑިޕާޓަމްނަޓްގެ ދަށުން ހިންގަމުން އަންނަ އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ސައިންސަސް އުވާލާފައެވެ. އެއީ އެމެރިކާގެ އެކަޑަމިކް ކުރިއެރުމުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާ އިންސްޓިއުޓެވެ.
ފެޑްރަލް ސަރުކާރުގެ ފައިސާ ސްކޫލްތަކަށް އިންސާފުވެރިކޮށް ދޫކުރުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ޓްރާންސްޖެންޑާ އާއި ނަސްލީ ތަފާތު ކުރުންތަކާއި ޖިންސީ ނުވަތަ ސިޔާސީ ކޮންޓެންޓް ޕްރޮމޯޓް ކުރާ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކަށް ސަރުކާރުން ފައިސާ ދިނުން ހުއްޓާލާނެކަން ޓްރަމްޕް ވަނީ އިއުލާން ކޮށްފައެވެ.
އެމެރިކާގެ ސަރުކާރު ސްކޫލްތަކަށް ވެސް ފެޑްރަލް ފައިސާ އިން ދެނީ މަދު އަދަދެކެވެ. ފެޑްރަލް ސަރުކާރުގެ ފަންޑިން އަކީ ސްކޫލްތަކުގެ މުޅި ބަޖެޓްގެ އެންމެ %14 އެވެ. އެމެރިކާގެ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތައް ސަރުކާރަށްވުރެ ބޮޑަށް ބަރޯސާވެފައިވަނީ، ރިސާޗް ގްރާންޓްތަކާއި ދަރިވަރުންނަށް ޓިއުޝަން ފީ ދެއްކުމަށް އެހީވާ ފެޑެރަލް ފައިނޭންޝަލް އެއިޑް އަށެވެ.
އެޑިއުކޭޝަން ޑިޕާޓްމަންޓް އުވާލުމުން ދަރިވަރުންނަށް ލޯން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާއި މެދު މިހާރު ވެސް ވަނީ ސުވާލު އުފެދިފައެވެ. ތައުލީމީ ލޯންތައް ދިނުން ހުއްޓާލާނެކަން އަދި ޓްރަމްޕްގެ ސަރުކާރުން އިއުލާން ނުކުރި ނަމަވެސް ލޯން ދިނުމުގެ އުސޫލުތައް ހަރުކަށި ކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެޑިއުކޭޝަން ޑިޕާޓްމަންޓުން 40 މިލިއަނަށްވުރެ ގިނަ ދަރިވަރުންގެ 1.5 ޓްރިލިއަން ޑޮލަރުގެ ލޯނު ދަރަނި ބަލަހައްޓަމުން ގެންދެއެވެ. އަދި ދަށް އާމްދަނީއެއް ލިބޭ ދަރިވަރުންނަށް އެހީ ފޯރުކޮށްދޭ ޕެލް ގްރާންޓް އަދި ޔުނިވަރސިޓީތަކުން މާލީ އެހީ ދިނުމަށް ބޭނުންކުރާ ފެޑެރަލް ސްޓޫޑެންޓް އެއިޑް (ފަފްސާ) އަށް އެދޭ ފޯމުވެސް ބަލަހައްޓަމުން ގެންދެއެވެ.
ޖޯ ބައިޑެންގެ ސަރުކާރުން ދަރިވަރުންގެ ލޯނު މަޢާފުކުރުމަކީ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައި ހަމަޖެއްސިއެވެ. ބައިޑެންގެ ސަރުކާރުން ފެށި ދަރިވަރުންގެ ލޯނު މަޢާފުކުރުމުގެ މަސައްކަތް ސުޕްރީމް ކޯޓުން ފުރަތަމަ ބާތިލުކުރި ނަމަވެސް، ސަރުކާރުން ޕަބްލިކް ސަރވިސް ލޯން ފޯގިވްނަސް ފަދަ އެކި ޕްރޮގްރާމްތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން 4.8 މިލިއަނަށްވުރެ ގިނަ ދަރިވަރުންގެ 175 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ މަޢާފުކޮށްފައިވެއެވެ.
ލޯނު މަޢާފުކުރުމުގެ މަސައްކަތްތަކަށް ރިޕަބްލިކަނުންގެ ފަރާތުން އޭރުވެސް އިދިކޮޅު ހަދާފައިވެއެވެ. ޓްރަމްޕް ވަނީ ބައިޑެންގެ ދަރަނި މަޢާފުކުރުމުގެ މަސައްކަތްތަކަކީ ޣައިރު ޤާނޫނީ އަދި އިންސާފުވެރިނޫން ކަމެއްކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އެއީ ކާރިސާއެއް އަދި ޒުވާނުންނަށް ފުރައްސާރަކުރުމުގެ އަމަލެކެވެ. ޓްރަމްޕް ގެންގުޅުއްވާނެ ދަރިވަރުންގެ ދަރަނީގެ ޕްލޭނަކީ ކޮބައިކަން އަދި ސާފެއްނޫނެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ދަރިވަރުންގެ ލޯންތަކާއި ގުޅޭ ތަފްސީލީ ސިޔާސަތުތަކެއް ހާމައެއް ނުކުރެއެވެ.