އެމެރިކާއިން ދެކުނު އެފްރިކާއަށް ދެމުންއައި ފެޑެރަލް ހުރިހާ އެހީތަކެއް ހުއްޓާލައިފިއެވެ.
އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެފައިވަނީ އެމެރިކާއިން ދެކުނު އެފްރިކާއަށް ދެމުންއައި ހުރިހާ ފެޑެރަލް އެހީތައް ހުއްޓާލައިފިކަމަށެވެ.
"އިތުރު ފިޔަވަޅެއްގެ ގޮތުން، ދެކުނު އެފްރިކާގެ ކޮންމެ ދަނޑުވެރިއަކު (އަދި އޭނާގެ އާއިލާ!) ރައްކާތެރިކަމަށްޓަކައި އެ ޤައުމުން ފިލަން ބޭނުންވާނަމަ، އެމެރިކާ އެކުވެރި ޖުމްހޫރިއްޔާއަށް ދަޢުވަތު ދެވޭނެއެވެ. އަދި އަވަސް މަގަކުން އެމެރިކާގެ ރައްޔިތުންގެ ޙައްޤު ލިބިދެވޭނެއެވެ" ޓްރަމްޕް ޓްރޫތު ސޯޝަލްގައި ބުނެފައިވެއެވެ.
އަދި މި ޕްރޮސެސް ވަގުތުން ފެށޭނެކަމަށް ވެސް ޓްރަމްޕް ބުނެފައިވެއެވެ.
އެމެރިކާ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، 2024 ވަނަ އަހަރު އެމެރިކާއިން ދެކުނު އެފްރިކާއަށް ފޯރުކޮށްދިން ބޭރުގެ އެހީގެ ޖުމްލަ އަދަދަކީ 323.4 މިލިއަން ޑޮލަރެވެ.
ޓްރަމްޕް ސަރުކާރުން އެޅި މިފިޔަވަޅަކީ ފާއިތުވި އަހަރުތަކުގައި ސައުތު އެފްރިކާގައި ދަނޑުވެރިންގެ ތެރެއިން ދޮން މީހުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ބުނާ އަނިޔާތަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސައުތު އެފްރިކާގެ ސަރުކާރުން މިވާހަކަތައް ދޮގުކުރެއެވެ.