Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

އަލްބޭނިއާ - ޔޫރަޕްގެ ދިވެހިރާއްޖެ

ގާތްގަނޑަކަށް 2.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަލްބޭނިއާއަކީ ޔޫރަޕްގެ އެންމެ ދެކުނުން އިރުމަތީގައި އޮންނަ ގައުމެކެވެ. އިގުތިޞާދު ކުރިއަރަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ފަތުރުވެރިކަމަށް އެގައުމުން ދެމުން އަންނަ ސަމާލުކަން އަންނަނީ އިތުރު ވަމުންނެވެ. އަދި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ "ޔޫރަޕްގެ ދިވެހިރާއްޖެ" ނަމުގައި އަލްބޭނިއާގެ ބައެއް ހޮޓާތައް މިހާރު އިސްތިހާރު ކުރަމުން އައުމެވެ. ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ވެސް ބައެއް މީހުން އަލްބޭނިއާ ސިފަ ކުރަނީ ޔޫރަޕްގައި އޮންނަ ދިވެހިރާއްޖޭގެ ގޮތުގައެވެ.

އިނގިރޭސިވިލާތުގެ ދަ އެކްސްޕްރެސް ނޫހުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުން ވަރަށް އަގުބޮޑު ކަމަކަށްވެފައި ވާއިރު އަގުހެޔޮކޮށް ޗުއްޓީ ހޭދަކުރަން އެހެން މަންޒިލެއް ހޯދަން ޔޫރަޕް މީހުންނަށް ވަނީ ޖެހިފައެވެ. އެނޫހުގައި ބުނެފައިވާ ގޮތުގައި އެކަމަށް އޮތް އެންމެ ރަނގަޅު އެއްހައްލަކީ އަލްބޭނިއާއެވެ.

ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ހަފްތާއެއްގެ ޗުއްޓީއެއް ހޭދަކުރަން ވެސް ދެހާހެއްހައި ޔޫރޯ ހޭދަކުރަން ޖެހޭ ކަމަށާއި ނަމަވެސް އަލްބޭނިއާގެ ހޮޓާތަކުގެ އަގު ހުންނަނީ ރެއަކަށް 20 ޔޫރޯ ނުވަތަ އެއަށްވުރެ ވެސް ހެޔޮ އަގެއްގައި ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުން އަލްބޭނިއާއަށް ދަތުރު ކުރުން ވެސް ވަރަށް ބޮޑަށް އަގުހެވެ. ހޫނު މޫސުމުގައި ވެސް އަލްބޭނިއާއަށް ދިއުމަށް އިނގިރޭސިވިލާތުގެ މީހުން ހޭދަކުރަން ޖެހެނީ ގާތްގަނޑަކަށް 50 ވަރަކަށް ޔޫރޯއެވެ. އެއީ ބަޖެޓް އެއާލައިންތަކުގައެވެ.

އަލްބޭނިއާގެ މަގުބޫލްކަމަށް އިތުރުވަމުން އަންނަނީ ހަމައެކަނި އިނގިރޭސިވިލާތުގެ މީހުންގެ މެދަކު ނޫނެވެ. ނިއުޒިލެންޑް ފަދަ ޔޫރަޕްގެ އެހެން ގައުމުތަކުގެ މީހުން ވެސް އަލްބޭނިއާއަށް ދަތުރު ކުރެއެވެ. ނިއުޒިލެންޑްގެ އަންހެނެއް ކަމަށްވާ ލައުރާ ހިއުސަން އެކްސްޕްރެސް ނޫހަށް ބުނީ އޭނާ ޗުއްޓީ ހޭދަކުރަން ދާން ފުރަތަމަ ނިންމީ ކްރޮއޭޝިއާއަށް ނުވަތަ ގްރީސްއަށް ކަމަށެވެ.

"އެކަމަކު ރައްޓެއްސެއްގެ ފަރާތުން އަހަރެންނަށް އަލްބޭނިއާގެ މައުލޫމާތު ލިބުނީ. އެހެންވެ އަހަރެންގެ ޗުއްޓީ ބަދަލުކޮށްލީ އަލްބޭނިއާއަށް. މިއީ ވަރަށް ރަނގަޅު ނިންމުމެއް. އަހަރެންނަށް ހީވީ ދިވެހިރާއްޖެއަށް ދެވުނުހެން. އިޓަލީ އާއި ސްޕޭން ފަދަ ގައުމެއްގެ ހަތަރު ތަރީގެ ހޮޓެލްތަކުގެ ފެންވަރުގެ ހޮޓެލްއެއް 30 ވަރަކަށް ޔޫރޯއަށް ލިބޭ." އޭނާ ބުންޏެވެ.

އަލްބޭނިއާއާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ކޮމެންޓް ކޮށްފައިވާ މީހުން ވެސް ބުނާ ގޮތުގައި އަލްބޭނިއާއަކީ މޫދަށް އެރިލާ ޑައިވް ކޮށްލުމަށް ވެސް ވަރަށް ފުރިހަމަ މަންޒިލެކެވެ.

ރާއްޖޭގެ ދޮންވެލި އަތިރިމައްޗާއި، ސާފު މޫދާއި އެއްވަރުތަނެއްގެ ގޮތުގައި ދިވެހިންނަށް އަލްބޭނިއާ ނުފެނުނު ނަމަވެސް ދުވަހަކު ދިވެހިރާއްޖެ ނާންނަ މީހަކަށް އަލްބޭނިއާ އާއި ދިވެހިރާއްޖޭގެ ތަފާތު ނޭނގިދާނެއެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ފަތުރުވެރިންނަށް އިސްތިހާރު ކުރުމަށް ބޭނުންކުރާ އުކުޅަކަށް ދިވެހިރާއްޖެ އާއި އެގައުމެއް އެއްގޮތް ކަމަށް ބުނުން އޮންނަނީ ވެފައެވެ.

މި ލިއުމާއި ގުޅޭ