މޯލްޑިވިއަން އިން އޭ330-200 ގެ އެއާބަސްގެ އިތުރު ފްލައިޓެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފިއެވެ.
އިއުލާންގެ މުއްދަތު މިއަދަށް ހަމަވާން އޮތް ނަމަވެސް މިހާރު މޯލްޑިވިއަން އިން ވަނީ އިއުލާންގެ މުއްދަތު އިތުރު ހަތް ދުވަހަށް އިތުރުކޮށް އިއުލާންގެ މުއްދަތު ހަމަވާނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް ބުނެފައެވެ.
މޯލްޑިވިއަން އިން ކުއްޔަށް އެއާބަސް 330-200 އެއް ކުއްޔަށް ނަގަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޮކްޓޯބަރ މަހު މޯލްޑިވިއަން އިން އިތުރު ވައިޑްބޮޑީ ފްލައިޓެއްގެ ދަތުރުތައް ފެށުމެވެ.
އެންމެ ފަހުން މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި އޭ330 ބޯޓު ވަނީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. މި ފްލައިޓް މިހާރު އަންނަނީ ޗައިނާގެ ބެއިޖިން، ޝެންހާއީ އަދި ޗެންގްޑޫއަށް ދަތުރުތައް ކުރަމުންނެވެ.
މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 24 ފްލައިޓް ހިމެނެ އެވެ. މީގެތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރަނީ އެއާބަސް އޭ330 އާއި އެއާބަސް އޭ320 މަރުކާގެ ފްލައިޓްތަކެވެ.