Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

މެކްސިކޯ އާއި ކެނެޑާއިން ޓެރިފް ނެގުން ޓްރަމްޕް ފަސްކޮށްފި

މެކްސިކޯ އާއި ކެނެޑާއިން އުފައްދާ މުދާ އެމެރިކާއަށް އެތެރެ ކުރާނަމަ ނަގާ ބައެއް ޓެރިފްތައް ބޮޑުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުން މަޑުޖައްސާލާ ޓެރިފްތައް ނެގުން އެއް މަސް ދުވަހަށް ފަސްކޮށްފިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ބުރާސްފަތި ދުވަހު ޔޫ.އެސް.އެމް.ސީ.އޭ (USMCA) އެއްބަސްވުމާ އެއްގޮތަށް އެތެރެކުރެވޭ މުދަލަށް މެކްސިކޯ އަދި ކެނެޑާއަށް 25 އިންސައްތައިގެ ޓެރިފް މި މަހު ނުހިނގާގޮތަށް އިސްތިސްނާ ދީފައިވާއިރު، މިއީ އަވަސް ބަދަލުތަކެއް އަންނަމުންދާ ވިޔަފާރީގެ ސިޔާސަތުގެ އެންމެ ފަހުގެ ބަދަލެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން މާލީ ބާޒާރުތަކާއި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އިސްތިސްނާ، އޭޕްރީލް 2 ގައި މުއްދަތު ހަމަވާނެ ގޮތަށް، އެމެރިކާގެ އެންމެ ބޮޑު ދެ ވިޔަފާރި ބައިވެރިން ކަމުގައިވާ ކެނެޑާ އަދި މެކްސިކޯ ހިމެނޭގޮތަށް ދެވިފައިވާކަން ޓްރަމްޕް ވަނީ މިހާރު އިއުލާން ކޮށްފައެވެ.

ޓްރަމްޕް ކުރިން ބުނީ ޓެރިފް ނުނަގާގޮތަށް ހަމަޖެއްސީ ހަމައެކަނި މެކްސިކޯގެ މުދަލުން ކަމަށެވެ. ނަމަވެސް އަންގާރަ ދުވަހު ނެރުނު ޓެރިފްގެ އަމުރަށް ގެނެވުނު އިސްލާހުގައި ކެނެޑާވެސް ވަނީ ހިމަނާފައެވެ.

މިއީ އެމެރިކާގެ އަވައްޓެރި ދެ ގައުމަކަށް ލިބުނު ވަގުތީ ހިތްހަމަޖެހުމެކެވެ. ނަމަވެސް މި އިސްތިސްނާގެ މުއްދަތު އަންނަ މަހު ހަމަވާނެތީ، ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރީގެ ގުޅުންތަކަށް އަންނާނެ ބަދަލުތަކާމެދު ވިޔަފާރި ދާއިރާގައި ކަންބޮޑުވުންތައް އުފެދިފައިވެއެވެ.

ޓެރިފް ނެގުމުގެ މުއްދަތު އިތުރު ކުރީ މަޝްވަރާތައް ކޮށްގެން ގައުމުތަކަށް އެއްބަސްވެވޭ ބަދަލުތަކެއް ގެންނަން ކަމަށް ވީނަމަވެސް ޓްރަމްޕްގެ ސިޔާސަތައް ހެޔޮ ބަދަލެއް އަތުވެދާނެ ކަމަކަށް އެއްވެސް ގައުމަކުން އުއްމީދެއް ނުކުރެއެވެ.

ޔޫ.އެސް.އެމް.ސީ.އޭ (USMCA) އަކީ 2020 ވަނަ އަހަރު ތަންފީޒުކުރަން ފެށި ނޯތު އެމެރިކާގެ ނަމެރިކާ، ކެނެޑާ އަދި މެކްސިކޯގެ މެދުގައި ވެފައިވާ ވިޔަފާރީގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ކުރީގެ ނޯތު އެމެރިކަން ފްރީ ޓްރޭޑް އެގްރީމަންޓް (ނަފްޓާ) ގެ ބަދަލުގައި ގެނެވުނު އައު އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން ތިން ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކޮށް، ޑިއުޓީ ނުވަތަ ޓެރިފްތައް ދަށްކޮށް، އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދީފައިވެއެވެ.
މި ލިއުމާއި ގުޅޭ