ރަމަޟާން މަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލާ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން، މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައީ، އޮފީސްގަޑިތަކާ ދިމާކޮށް ޓްރެފިކް ބާރުބޮޑުވިޔަ ނުދިނުމަށް ކަމަށެވެ.
މި ބަދަލާ އެކު މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް އަދި، ސައްވާލު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހަށް ވަކި ގަޑިތަކެއް އަދި ރަމަޟާން މަހުގެ ފަހު 10 ދުވަހަށް ވަކި ގަޑިތަކެއް ވަނީ ކަނޑައަޅާފަ އެވެ.
މިއަދުން ފެށިގެން ސައްވާލް މަހުގެ ހަތްވަނަ ދުވަހާ ހަމައަށް މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލޭނެ ގަޑިތަކަކީ ހެނދުނު 9:30 އިން 16:30 އަދި ރޭގަނޑު 20:00 އިން ހެނދުނު 8:00 އަށެވެ.
ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކުގައި ހެނދުނު 6:00 އިން 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އަށް މުދާ އުފުލޭނެ އެވެ.