ނިމިދިޔަ ޖެނުއަރީ މަހު ޗައިނާއިން ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު 55 އިންސައްތަ އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އަމަލުކުރަން ފެށުމާއެކު މިދިޔަ ޖެނުއަރީ މަހު އެ ގައުމުން އެއް ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފައިވެއެވެ.
ޗައިނާއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 671 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ޗައިނާއަކީ މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެ ކުރި ގައުމެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާ އޮތީ ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ.
ޗައިނާ-ރާއްޖެ އެފްޓީއޭއާއެކު އެ ގައުމުން ރާއްޖެ އެތެރެކުރާ ބައެއް ބާވަތްތަކުގެ މުދަލުން ޑިއުޓީ މައާފުވެގެންދެއެވެ. އެފްޓީއޭގެ ކުރިން ރާއްޖެ އާއި ޗައިނާއާ ދެމެދު އަހަރަކު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭއިރު އެފްޓީއޭއާއެކު މި އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެފައިވެއެވެ.