Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫގެ އެހީއާ އެކު ހުޅުމާލެ ގްރޭންޑް މިސްކިތް މަރާމާތުކުރުމަށްފަހު ހުޅުވައިފި

އުރީދޫ މޯލްޑިވްސް އިން ޤަތަރު ޗެރިޓީއާއި ގުޅިގެން މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) މަރާމާތުކުރުމަށް ފަހު މި ރޯދަ މަސް ފެށުމުގެ ކުރިން ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވާފައިވަނީ ނިމުނު ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ އެކުންފުނިން ފޯރުކޮށްދޭ ކަނެކްޓިވިޓީގެ އިތުރުން ޚިދުމަތްކުރާ މުޖުތަމަޢުތަކަށް ފައިދާ ވާފަދަ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށާއި މިސްކިތް މަރާމާތުކުރުމުގެ މި މަޝްރޫޢަކީ، އިޖްތިމާޢީ ޙައްޤުގައި ޒަމާނުއްސުރެ އުރީދޫ އިން ކުރަމުން ގެންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

"މި މަރާމާތުތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އަމާޒަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެނަށްވެސް ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުން. އަދި މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ގަތަރު ޗެރިޓީގެ ދީލަތިކަމާއި އެއްބާރުލުން ފާހަގަކޮށް، ގަތަރު ޗެރިޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ގަތަރު ޗެރިޓީގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބަކަށް ވިޔަސް، މުޖުތަމައުތަކަށް ރަނގަޅު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި މި ޕްރޮޖެކްޓާ އެކު، ހާއްސަކޮށް ބަރަކާތްތެރި ރޯދަމަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށް ވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވިއެވެ.

"އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަން. އުރީދޫ ފަދަ ޕާޓްނަރުންނާ އެކު، މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީން ތައްޔާރު." ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އިން ޤަތަރު ޗެރިޓީއާއި ގުޅިގެން ހުޅުމާލެ ގްރޭންޑް މިސްކިތް މަރާމާތުކުރުމަށް ފަހު މި ރޯދަ މަހުގެ ކުރިން ހުޅުވާފައިވާއިރު މި މިސްކިތް އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2006 ވަނަ އަހަރުގައެވެ. މި މިސްކިތަކީ 1800އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭ ގޮތަށް ބިނާކޮށްފައިވާ މި މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާފައިވާއިރު، މިސްކިތުގެ އެތެރޭގެ ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެ އެވެ.

މި މިސްކިތް މަރާމާތައްފަހު ހުޅުވާފައިވާއިރު މިހާރު މިސްކިތުގެ ހުރިހާ ތަނެއްގައި ވަނީ އޭސީ ހަރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ