ރެއިން ފެށިގެން ކ. ދިއްފުއްޓަށް ރެކޯޑު މިންވަރަކަށް ވާރޭވެހިފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ހޮނިހިރު ދުވަހުގެ ރޭ 8:00 އިން ފެށިގެން ހެނދުނާ ހަަމަށް ދިއްފުއްޓަށް 291.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ. މީގެ ކުރިން އެންމެ ގިނައިން ވާރޭވެހުނުކަމުގެ ރެކޯޑު އޮތީ ހއ. ކެލާއަށް މިދިޔަ އޮގަސްޓު 12 ވަނަ ދުވަހު ކުރި ވިއްސާރައިގަ އެވެ. ކެލާއަށް 231.5 މިލިމީޓަރުގެ ވާރޭވެހުނެވެ. އޭގެ ކުރިން 2018 ޑިސެމްބަރު 5 ގައި މާލެއަށް ރެކޯޑު މިންވަރަކަށް ވާރޭވެހިފައި ވެއެވެ. އެއީ 228.9 މިލިމީޓަރުގެ ވާރެއެވެ.
ދެން އެންމެ ގިނައިން ވާރޭވެހިފައި ވަނީ 24 ނޮވެމްބަރު 2015 ގައި އައްޑު އަތޮޅު ގަމަށް ކުރި ވިއްސާރައިގަ އެވެ. އެ ދުވަހު ގަމަށް 228.4 މިލިމީޓަރަށް ވާރޭ ވެހުނެވެ. ފަސްވަނައަށް މިރެކޯޑު އޮތީ 2002 ޖުލައި 9 ގައި ގދ. ކާޑެއްދޫއަށް 219.8 މިލިމީޓަރަށް ވާރޭ ވެހުނު ކަމަށެވެ.
ރޭ ދިއްފުއްޓަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހިފައިވާއިރު، މާލެއަށް ކުރި ވިއްސާރާގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގެތަކާއި ފިހާރަ އަދި އެހެނިހެން ވެސް ވިޔަފާރިކުރާ ތަންތަނަށް ފެންވަދެގެން އެމްއެންޑީއެފުން ހަރަކާތްތެރިވި އެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ރެއިން ފެށިގެން ކުރި މަސައްކަތުން 16911 ޓަނުގެ ފެން މާލޭގެ މަގުތަކުން ބޭރުކުރެވިފައި ވެއެވެ.