ރޯދަ މަހާ ދިމާކޮށް، މުޅި ރާއްޖޭގެ ބާޒާރުގައި ވިއްކާ ތަކެތީގެ އަގުތައް އެނގޭނޭ ގޮތަށް ފަރުމާކޮށްފައިވާ "އަގުމަގު ޕޯޓަލް" ލޯންޗުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު އެންޑް ޓްރޭޑުގެ އިސްނެގުމުގެ ދަށުން ތައާރަފްކުރި މި ޕޯޓަލް ލޯންޗުކޮށްދެއްވީ "ރޯދައަށް ތައްޔާރު"ގެ ނަމުގައި ސަރުކާރުގެ ބައެއް އިސްވެރިންނާ އެކު ރޭ ކުރިއަށް ގެންދިޔަ ޓީވީ ކަވަރޭޖްގެ ތެރެއިން މިނިސްޓަރު މުހައްމަދު ސައީދުއެވެ.
މި ޕޯޓަލް ލޯންޗުކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަަކަފުޅުގައި މިނިސްޓަރު ވިދާޅުވީ، މިފަދަ ޕޯޓަލެއް ތައާރަފްކުރުމުގެ އެންމެ މުހިންމު މަގްސަދަކީ ރަމަޟާން މަހާ ދިމާކޮށް ވީހާވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ކާބޯތަކެތި ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
މި ޕޯޓަލްގެ އަގުތައް ކޮންމެ ހަފްތާއަކު އެއްފަހަރު އަދާހަމަކުރާނެއެވެ. މި އަގުތައް އަދާހަމަކުރުމުގެ މަސައްކަތް ކުރާނީ އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުންނެވެ.
"އެޕްލިކޭޝަންއިން ލިބޭނެ ފައިދާތަކުގެ ތެރޭގައި ވިޔަފަރިވެރިންނަށް އަޅުގަނޑުމެން ދޫކޮށްލާނަން އެބޭފުޅުން އަމިއްލައަށް އެޕްލިކޭޝަންގައި އަގު ޕޯސްޓްކުރަން. އެއީ މީގައި ދެން އޮތް މަރުހަލާއަކީ. އަޅުގަނޑުމެންގެ އިންސްޕެކްޓަރުން އެކި ތަންތަނަށް ގޮސްގެން ހޯދާ ގޮތައް މިހުންނަނީ. އެޕްލިކޭޝަން ވެގެންދާނީ އެންމެ ހެޔޮ އަގު ބަލާލަން ބޭނުންވީމަ ބަލާލެވޭނެ އެޕްލިކޭޝަންއަކަށް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ޕޯޓަލްގެ ތެރެއިން ގޭތެރޭގައި ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ އަގުތައް ބާޒާރުގައި ހުރިގޮތް ބަލާލެވޭނެ ކަމަށެވެ. މި ބާވާތްތައް ކަނޑައަޅާފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލައިގެންނެވެ.
މިވަގުތު މި ލިސްޓުގައި ހިމަނާފައި ވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ލިބެން ހުރި ތަކެތީގެ އަގުތައް ނަމަވެސް، ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ފިހާރަތަކުގައި ތަކެތި ލިބެން ހުރި އަގުތައް އަދާހަމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.