ބޭރު ފައިސާ މާރުކުރާއިރު ގްރޮސް ސޭލްސް ހިސާބު ކުރުމުގައި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ސާވިސް ޗާޖް އުނި ކުރެވޭ ގޮތް ހަދައިފިއެވެ.
އެމްއެމްއޭއިން ރޭ އާއްމު ކުރި ބޭރު ފައިސާ އާއި ބެހޭ އާއްމު ގަވައިދުގެ 07 ވަނަ މާއްދާގައި ބުނެފައި ވަނީ ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީލާދީ މަހެއްގެ ބޭރު ފައިސާގެ ގްރޮސް ސޭލްސް ހިސާބުކުރުމުގައި އެމަހެއްގެ ބޭރު ފައިސާގެ ޖުމްލަ ސޭލްސްއިން އެމަހަކަށް ނިސްބަތްވާ އެފަރާތުގެ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ސާވިސް ޗާޖް އުނި ކުރެވިދާނެ ކަމަށެވެ.
ގަވައިދުގައި ވަނީ އިތުރަށް ބޭރު ފައިސާ މާރު ކުރެވިފައިވާނަމަ އެޖެސްޓްމަންޓް ހަދައިދޭނެ އުސޫލެއް ވެސް ބަޔާން ކޮށްފައެވެ. ގަވައިދުގައި ބުނެފައި ވަނީ މީލާދީ މަހަކަށް ނިސްބަތްކޮށް މާރުކުރަން ޖެހޭ ބޭރު ފައިސާގެ އަދަދަށްވުރެ އިތުރަށް މާރުކުރަން ޖެހޭ މުއްދަތުގެ ތެރޭގައި މާރުކޮށްފައިވާނަމަ ވިދިގެން އަންނަ މަހުގެ ނުވަތަ މަސްތަކުގެ ސޭލްސް ރިޕޯޓަށް ބަލައި އެމަހަކަށް ނުވަތަ މަސްދުވަސްތަކަކަށް ނިސްބަތްކޮށް އެފަރާތަކުން މާރުކުރަން ޖެހޭ ބޭރު ފައިސާގެ އަދަދުން އިތުރަށް ދައްކާފައިވާ އަދަދު އެމްއެމްއޭ އިން ކަނޑައަޅާ ގޮތެއްގެ މަތީން އެފަރާތަކަށް އެޖަސްޓްކޮށްދޭން ވާނެ ކަމަށެވެ.
ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހުއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފަ އެވެ. އެމްއެމްއޭ އިން ބުނީ މި މުއްދަތުގައި 90 ޕަސެންޓު ރިސޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށެވެ.