ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިސްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ބުކިން ޑޮޓް ކޮމް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމާއި ގުޅިގެން އެމްއެމްޕީއާރުސީ އިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ބުކިން ޑޮޓް ކޮމްގެ ބައިނަލްއަގްވާމީ ވަސީލަތްތަކާއި މާކެޓިން ތަޖުރިބާގެ ބޭނުންހިފައި ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމު ސަގާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވިގެންދާނެ ކަމަށާއި މި އެއްބަސްވުމުގައި ބުކިން ޑޮޓް ކޮމް އާއި އެމްއެމްޕީއާރުސީ މި އެއްބަސްވުމުގައި ބުކިން ޑޮޓް ކޮމް އާއި އެމްއެމްޕީއާރުސީ ގުޅިގެން ހިންގާ ހަރަކާތްތަކާއި ކެމްޕެއިންތަކާއި ސްޓްރެޓެޖިކް ހިންގުމަށްޓަކައި ގުޅިގެން ކުރިއަށް ގެންދާ ފްރޭމްވޯކެއް އެކުލަވާލާފައިވާކަމަށެވެ.
އެގޮތުން މި ފްރޭމްވޯކް ގައި އިނޮވޭޓިވް މާކެޓިން މެދުވެރިކޮށް ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމަށްޓަކައި ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި ފަތުރުވެރިންނަށް ހިދުމަތްދޭ ފަރާތްތަކަށް ވޯކްޝޮޕްތަކުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ގުޅޭގޮތުން އަހުލުވެރި ކުރުން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައިވެއެވެ.
"ބުކިން ޑޮޓް ކޮމްގެ ފުޅާ ނެޓްވޯކާއި ޑިޖިޓަލް މާކެޓިންގެ ބޭނުން ހިފައިގެން އަޅުގަނޑުމެންގެ އަމާޒަކީ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދިނުން އަދި މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި، ބައިނަލްއަގްވާމީ އޯޑިއަންސަކަށް ވާސިލްވެ ރާއްޖެއަކީ އެންމެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެ" އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
މި އެއްބަސްވުމާއި ގުޅިގެން ބުކިން ޑޮޓް ކޮމްގެ އިންޑިއާ، ސްރީލަންކާ، ރާއްޖެ އަދި އިންޑޮނޭޝިއާގެ ކަންޓްރީ މެނޭޖަރު ސަންތޯސް ކުމާރު މި އެއްބަސްވުމާއި ގުޅިގެން ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތުކަން ދައްކުވައިދިނުމަށްޓަކައި ބުކިން ޑޮމްގެ ޕްލެޓްފޯމާއި ވަސީލަތްތަކުގެ ބޭނުން ހިފުމަށް އަޒުމް ކަނޑައަޅުއްވާފައިވާކަމަށާއި މި އާއެކު ހާއްސަކޮށް ލޯކަލް އެކޮމޮޑޭޝަން ޕާޓްނަރުންނަށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެހީތެރިކަން ފަރޯކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދިގު މުއްދަތަކަށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި އެމްއެމްޕީއާރުސީ އިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ.