މި އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް މަޖިލިހުގެ މައިނޯރިޓީ ލީޑަރު ޖަވާބުދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި މެންބަރުން އެންމެ ގިނައީ ރައީސް ޑރ. މުއިއްޒު ނިސްބަތްވެވަޑައިގަންވާ ޕާޓީ ޕީއެންސީގައެވެ.
އެމްޑީޕީގެ ފަރާތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަނީ މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލްއެވެ.
"ރިޔާސީ، ރިޔާސީ ދައުރު ބަދަލުވިއިރު މުޅި އިޤްތިޞާދު މިސްރާބު ހުރީ ކުރިއަށް. ބާރަށް ކުރިއަށް. ރަނގަޅު ވާހަކައެއް. ބައިނަލްއަގުވާމީ ގޮތުން ދިމާވޭ ބޮޑެތި ގޮންޖެހުންތަކާ ހެދި ދަރަނި ނަގަންޖެހުނު. ދަރަނި އިތުރުވެ، އެހެންނަމަވެސް، އެމްޑީޕީ ސަރުކާރުން އެކަން ކުރީ ޒިންމާދާރުކަން. ހާމަކަން ބޮޑުކޮށް. އެމްޑީޕީގެ ދައުރުގައި އިންތިޚާބީ އަހަރުގައި ވެސް ރިފޯމް ބަޖެޓު، ރިފޯމް އެޖެންޑާ ކުރިއަށްގެންދިޔަ. އިޤްތިޞާދުގައި ހުރި ހަކަތައަށް ބަލާއިރު، ދުނިޔޭގެ މާލީ އިދާރާތަކާއި މާލީ ބާޒާރުގައި އިތުބާރު ރާއްޖޭގެ މައްޗަށް ބޭއްވުމަށް، ދުރު ރާސްތާ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުވުމަށްޓަކައި އޭރު އެޅި ފިޔަވަޅުތަކާއި ތަންފީޒުކުރި ރީފޯމް އެޖެންޑާއަށް ދުނިޔޭގެ ތައުރީފާއި މާލީ އެހީ ލިބެމުންދިޔަ." ނާޒިލް ވިދާޅުވިއެވެ.
މަސްވެރިންނަށް ފައިސާ ލިބެނީ ވެސް އިހްތިޖާޖް ކުރުމުން ކަމަށް ނާޒިލް މިއަދު ވިދާޅުވިއެވެ. "ނިމިދިޔަ އަހަރުގެ ފުރަތަމަ ބައިގެ މަސްވެރިން ތިބީ ބޭނި މަހަށް ސަރުކާރުން ފައިސާ ނުދީގެން މަހަށް ނުފުރިފައި. ފައިސާ ލިބުން ލަސްވެގެން މަސްވެރިން ވަނީ އިހުތިޖާޖުކޮށް، ހަޅުތާލުކޮށްފައި. ބޭނި މަހަށް ފައިސާ ލިބެނީ އެކަމާ ހަޅުތާލުކޮށް، އަޑުގަދަކޮށް، މުޒާހަރާކުރުމުން. މަސްވެރިކަމުގެ ސިނާޢަތުގެ ހާލަތަކީ، ތެލަށް ކުރިން ލިބޭ ކްރެޑިޓު މިހާރު ނުލިބޭ. ދޯންޏަކަށް އައިސް ނުލިބޭ. ހުވަދޫގައި އެންމެ އައިސް ޕްލާންޓެއް މަސައްކަތްކުރާ ދުވަސް އެބައާދޭ. މަސްވެރިންނަށް ލިބެނީ ކިޔު ނަންބަރެއް. އެ ނަންބަރު ޖެހެނީ އެތައް ދުވަހެއް ފަހުން." ނާޒިލް ވިދާޅުވިއެވެ.
ނާޒިލްގެ ވާހަކަތަކުގައި ގިނައިން ދޮގު ހަދަމުންދާ ކަމަށް ވިދާޅުވެ އޭނާ ވާހަކަފުޅު ދެއްކެވި ވަގުތު ޕީއެންސީ މެންބަރުން ގެންދިޔައީ އަޑުގަދަ ކުރައްވަމުންނެވެ.