ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އިމްޕޯޓްކުރި މައިގަނޑު ތަކެތިކަމަށްވާ ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފިއެވެ.
ބިސް ކޭހެއް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށެވެ. މި ދެ ބާވަތްވެސް ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ. މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 2 ރުފިޔާއަށް ބިހެއް އަދި 18 ރުފިޔާއަށް އަލުވި ކިލޯއެއް ވަކިން ގަނެވެން ހުންނާނެއެވެ.
ފިޔާ ބަސްތާއެއް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށެވެ. އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއަރހައުސްއިން ފިޔާ ހޯލްސޭލްކޮށް ލިބެން ހުންނާނެއެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 14 ރުފިޔާއަށް ލިބެން ހުންނާނެއެވެ.
އެސްޓީއޯ އިން ބުނީ މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ. ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންނެވެ. އެސްޓީއޯ އިން ބުނީ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެއެވެ. އަދި އެކްސެޕްޝަނަލް ކޭސްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރަށް އަންނަ ބަދަލުތަކާގުޅިގެން އެސަރަހައްދެެގައި ވިއްކާއަގަށް ބަދަލު ގެނެވޭނެއެވެ. ނަމަވެސް އާންމު ހާލަތުގައި ހުރިހާ އެސްޓީއޯގެ ރީޖަނަލް ސަރަހައްދަކުނެވެސް ލިބެން ހުންނާނީ އެއް އަގެއްގައި ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.