ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، (އެމްއެމްޕީއާރްސީ) އާއި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން މަސައްކަތް ކުރުމަށް ނިންމައިފިއެވެ.
ޕީއެސްއެމް އާއި އެމްއެމްޕީއާރްސީ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މި އަހަރަށް އަދި ރޯދަމަހު ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމްތައް ލޯންޗު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އޭގެފަހުން މިއަދު އެމްއެމްޕީއާރްސީ އިން ނެރުނު ނޫސްބަޔާނުގައި ވެސް ވަނީ ޕީއެސްއެމް އިން ލޯންޗުކުރި ރާއްޖޭގެ ފުރަތަމަ ޑެސްޓިނޭޝަން ޓީވީ ޗެނަލް، މޯލްޑިވްސް ޓީވީ މެދުވެރިކޮށް ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރްސީ އިން ނިންމާފައިވާކަމަށް ބުނެފައެވެ. މޯލްޑިވްސް ޓީވީއަކީ ރާއްޖޭގެ ރީތި މަންޒަރުތައް ބޭރުޤައުމުތަކަށް އަދި ފަތުރުވެރިންނަށް ދެއްކުމަށް ހާއްސަކޮށްގެން ގެނެސްދޭ ޗެނަލެއްކަމަށް ޕީއެސްއެމް އިން ބުނެފައިވެއެވެ.
ޕީއެސްއެމްއާއި އެމްއެމްޕީއާރުސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާޙީމް ނަސްރީންއެވެ. އަދި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ.
ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ ޗެނަލާއެކު އެމްއެމްޕީއާރްސީން މައިގަނޑު 4 ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެމްއެމްޕީއާރްސީ އިން ބުނެފައިވެއެވެ.
އެމްއެމްޕީއާރްސީ އިން އިތުރަށް ބުނީ،އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސ،ް ރާއްޖެއަށް ލިބިފައިވާ ވޯލްޑްސް ލީޑިންޑް ޑެސްޓިނޭޝަންގެ ލަގަބު ދެމެހެއްޓުމަށް ކަމަށެވެ.