Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައްޖުގެ އަޅުކަން

ހައްޖަށް ދިއުމަށް ކުރަންޖެހޭ ހޭދަ މިދައުރުގެ ތެރޭގައި ކުޑަކުރެވޭނެ: ޑރ. ޝަހީމް

ހައްޖަށް ދިއުމަށް އާންމުން ކުރަންޖެހޭ ހޭދަ ނުވަތަ ދައްކާ ފައިސާގެ އަދަދު ރައީސް ޑރ، މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ކުޑަކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިފަދައިން ވިދާޅުވީ އަހާ ފޯރަމްގައި ވީޑިއޯ މެސެޖެއް މެދުވެރިކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމީހާ ވަނީ ހައްޖަށް ދިޔުމަށް ދައްކާ ފައިސާގެ އަގު ސަރުކާރުން ކުޑަކުރާނީ ކިހާތާކުތޯ ސުވާލުކޮށްފައެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހައްޖަށް މީހުން ގެންދިޔުމުގެ ނިޒާމު ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނު ވަރަށް އިސްކަން ދެއްވާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ހައްޖަށް މީހުން ދިޔުމުގެ އަގު ކުޑަކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ތަސައްވަރެއް ކަނޑައަޅައިގެން ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސްގެ ވެރިކަމުގެ މި ދައުރުގައި އެކަމަށް ހަރުދަނާ ހައްލެއް އަންނާނެ ކަމަށެވެ.

ހައްޖަށް ދިއުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަކީ އަމާޒެއްކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އިސްލާމްކަމުގެ 5 ރުކުނުގެ ތެރެއިން 5 ވަނަ ރުކުން ކަމުގައިވާ، ކުޅަދާނަވެގެންވާ ކޮންމެ މުކައްލަފަކު ހައްޖުގެ އަޅުކަން އަދާކުރުމަކީ ކޮންމެ މުސްލިމަކުވެސް އެދޭކަމެކެވެ. ނަމަވެސް، ހައްޖައް ދިޔުމަށް ބޮލަކަށް 69,965 ރުފިޔާ އަރާއިރު އާންމު ރައްޔިތަކަށް މިވަރު އެއްކުރުމަކީ ނުހަނު އުނދަގޫ ކަމެކެވެ.

ޝަކީލް ވިދާޅުވީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ހައްޖަށް ދިއުމަށް ހޭދަވާ ހަރަދު 50،000އަށް ކުޑަކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި މި ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ހައްޖު ކޯޕަރޭޝަންގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށްވެސް މަސައްކަތް ކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެ ކޯޕަރޭޝަނުން ރިއަލްއެސްޓޭޓް ވިޔަފާރިއަށް ވަނުމުގެ މަސައްކަތް ފަށާފައިވާކަން ޝަކީލް ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ