Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ރޯދަ މަހު ތަކެތީގެ އަގު ބޮޑުކޮށް ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: ސައީދު

ރޯދަ މަހާ ދިމާކޮށް ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ ތެރެއިން އެއްވެސް ބާވަތެއްގެ އަގު ބާޒާރުގައި މާބޮޑަށް އުފުލިގެންދާ ނަމަ ބާޒާރުގެ ހަރަކާތްތެރިވެ، އެ ފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ދިޔަ އަހާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރިމަތިވި ފުރަތަމަ ރޯދަ މަހު، މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ރޯދަ މަހު ބާޒާރު މެނޭޖު ކުރެވިގެން ދިޔަ ކަމަށެވެ.

އެކަން ކުރިއަށް ގެންދެވީ އެކަމަށް ޚާއްސަ ކޮމިޓީއެއް ހައްދަވައިގެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެއާއެކު ކުރިއަށް މި އޮތް ރޯދަ މަހުވެސް ތަކެތީގެ އަގު މެނޭޖު ކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުގެ މަތިން އާންމު ގޭބިސީ ތަކުގައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ މުދާ ލިސްޓުކޮށް އެއިން އެންމެ އަސާސީ މުދާ ވެސް ދެނެގަނެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސައީދު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެއިން ބާވަތެއްގެ އަގު މާ ބޮޑަށް އުފުލިގެންދާނަމަ ސަރުކާރުން ބާޒާރުގެ ތެރެއަށް ވަދެ އަގު މެނޭޖު ކުރާނެ ކަމަށެވެ.

"183 އައިޓަމްގެ މައްޗަށް އެކުލެވޭ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަޟާން މަހަށް ހާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލްސް އައިޓަމްްސްގެ ގޮތުގައި ކަނޑައަޅާފައި، އެއިން އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު އުފުލިގެންދާ ނަމަ، އެކަމަށް ސަރުކާރުން އިންޓަވީން ކުރާނެ", ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ވޯލްޑު ބޭންކުން ރާއްޖޭގެ އިންފްލޭޝަންއާ ގުޅޭ ގޮތުން ނެރުނު ރިޕޯޓަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރު އިންފްލޭޝަން 7 އިންސައްތައަށް އުފުލޭނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވީ ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުން 3 އިންސައްތައިން ދަށުގައި އިންފްލޭޝަން ހިފެހެއްޓިފައިވާ ކަމަށެވެ.

"ފިޔާވެސް އެސްޓީއޯ މެދުވެރިކޮށް ޝިޕްމަންޓްތައް ގެންނަމުން އެދަނީ. އަގުހެޔޮ ކުރާނެ. އެއްތަނަކުން ނުލިބިއްޖެއްޔާ އެހެން ތަނަކުންވެސް ގެންނާނެ. މާނައަކީ އެއް ޤައުމުން ނުލިބިއްޖެއްޔާ އެހެން ޤައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން،" ސައީދު ވިދާޅުވިއެވެ.

ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވިޔަފާރިތަކުންވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައި ސައީދު ވަނީ އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިތަކާ ދިމާވާނަމަ އެކަން ސަރުކާރާ ހިއްސާކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ