އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ބިލްގެ ޑްރާފްޓް ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ އަހާ ފޯރަމްގައި އެސްއެމްއެސް މެދުވެރިކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ބިލް ބޭރުގެ ފަންނީ މީހުންގެ އެހީތެރިކަމާއެކު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ބިލް ޑްރާފްޓްކޮށް ނިމުމުން އާންމުންނާއި ވިޔަފާރިވެރިންގެ ޚިޔާލު ހޯދުމަށްވެސް ހުޅުވާލާނެ ކަމަށެވެ.
އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ފިކުރީ މުދަލުގެ ހައްގުތައް) ރައްކާތެރި ކުރުމާ ބެހޭ ބިލެއް 2013 ވަނަ އަހަރު ވެސް މަޖިލީހަށް ވެއްދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެ ބިލް އެ އަހަރު މަޖިލީހަކަށް ނުވައްދައެވެ.
އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ބިލްގެ ޑްރާފްޓް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާޢިރު މިދިޔަ އަހަރު ވަނީ ރާއްޖޭގައި ކޮޕީރައިޓާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.