އެންމެ ދަތި އުނދަގޫ ކަންތައްތައް ވެސް ފަހަށް ނުބަހައްޓަވައި ރައްޔިތުންނަށްޓަކައި މިހާރުން މިހާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވަމުން ގެންދަވާ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ވަޒީރުންނާ ސުވާލުކުރުމަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަހާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވެ, ސަރުކާރުން އެކަން ހައްލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިދިޔަ ހުރިހާ ވެރިކަމެއްގައި ވެސް ޑޮލަރުގެ މައްސަލަ އޮތް ކަމަށެވެ.
އެހެންނަމަވެސް މި މައްސަލައާ ސީދާ ޑީލްކުރުމަށް, މައްސަލައިގެ ތެރެއަށް ވަދެ އެކަން ހައްލު ކުރުމަށް މީގެކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"އެ މައްސަލަ އޮތް. މައްސަލައާ އެއްކޮށް ކުރިއަށް ދިޔައީ. ދިޔައިރުގައި އޭގެން ހާނިކަންވީ ރާއްޖޭގެ އިޤްތިޞާދަށް އަދި ދިވެހި ރައްޔިތުންނަށް އިނގޭތޯ. އެތައް ހާސް ދިވެހި ރައްޔިތުންނަކަށް އެތައް އާއިލާއަކަށް. ތުއްތުކުދިން, ކިޔަވާކުދިން, މެޑިކަލް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތައް އަދި ބޭރުފައިސާއަށް ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކެއް އިނގޭތޯ. މީގެ ފައިދާ ނަގަމުން ގެންދަނީ ބްލެކް މާކެޓުގައި ފެނިފައިވާ މާކެޓުގައި އިންގާ އޮޕަރޭޝަންތަކުން", މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި މައްސަލަތައް ޙައްލުކުރުމުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދަވާނެ ކަމުގައި ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް މުއިއްޒު ވިދާޅުވި ކަމަށެވެ.
ސައީދު ވިދާޅުވީ, ރައީސް މުއިއްޒުގެ މެނިފެސްޓޯއަށް އެންޑޯޒް ކުރީ ރައްޔިތުން ކަމަށްވީ ހިނދު, އޭގައި ހިމެނޭ ކަންކަން ތަންފީޒް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށްޓަކައި ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކިތަންމެ ދަތި އުނދަގޫ ކަމެއް ނަމަވެސް އެއްވެސް ކަމެއް ފަހަށް ނުބަހައްޓަވައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކަމުގައި ވަރަށް ބާރަށް ކުރިއަށް އެވަޑައިގަންނަވަނީ ދަތިކަންތަކާއި އުނދަގޫ ކަންތަކާއި ވަރަށް އުނދަގޫ ކަންތައްތައް އެއީ ފަހަށް ނުބަހައްޓައި ހަމަ މިހާރުން މިހާރަށް ކުރައްވަމުން ގެންދަވަނީ. . އެއްވެސް ސިޔާސީ އެއްވެސް ކަމެއް އިންތިޚާބެއް އޮތްތޯ ނުވަތަ އިންތިޚާބެއް ނެތްތޯ ބައްލަވައިގެން ނޫން. ޑޮލަރުގެ މައްސަލައިގައި ވެސް ވަރަށް ދަތި މައްސަލައެއްގައި އެމަނިކުފާނު ކުރިމަތިލެއްވި", ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިނާއަތުގެ ފުރިހަމަ އެއްބާރުލުމާއެކު މިހާރު އެ މައްސަލަ ހައްލުވާން ފަށާފައިވާ ކަމަށެވެ. މިއާ އެކުއެކީގައި އިންޑަސްޓްރީން ވެސް އަދި ވިޔަފާރިވެރިން ވެސް ސަރުކާރާއެކު ދައްކާނެ ވާހަކަތައް އޮންނާނެ ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ރައީސް ކުރިއަށް ވަޑައިގަންނަވާނީ އެ ކަންކަމަށްވެސް ފުރުސަތު ދެއްވައިގެން ކަމަށެވެ.