ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބަހަން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫސިޓީ ކައުންސިލުން ބުނީ އައްޑޫސިޓީގެ ރައްޔިތުންނަށް ބެހުމަށް ފޮނުއްވި މަސްދަޅުކޭސް، ރަޖިސްޓްރީ ކުރެވިފައިވާ މީހުންދިރިއުޅޭ ގެތަކަށް 17 ފެބްރުވަރީ 2025 ވާ ހޯމަދުވަހުން ފެށިގެން ކައުންސިލްގެ އަވަށު އޮފީސްތަކުގެ ފަރާތުން ގެތަކަށް ޒިޔާރަތްކޮށް، މަސްދަޅުކޭސް ހަވާލުކުރެވޭނެ ކަމަށެވެ.
އައްޑޫސިޓީ ކައުންސިލުން މިހެން ބުނެފައިވާއިރު ރަމަޟާން މަހަށް ޚާއްޞަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް މާލޭ ސަރަހައްދުގައި ބެހުމަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކޮންމެ ގޭބިސީއަކަށް ދެވޭ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ 48 ދަޅު ކަމަށާއި މަސްދަޅުކޭސް ދޫކުރާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މަސްދަޅު ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އަދި މަސައްކަތް މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.