ދި ޓްރެވަލް ގާއިޒް އިން އިންތިޒާމްކޮށްގެން ބާއްވާ ރަށު އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެކްސްޕޯގެ ފަހު ދުވަހު ގިނަ އިނާމްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވެއްޖެއެވެ.
މި އެކްސްޕޯ ފެށީ މި މަހުގެ 13 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯގައި 9 އަތޮޅުގެ 14 ރަށަކުން ވަނީ ބައިވެރިވެފައެވެ.
އެކްސްޕޯއާ ގުޅޭގޮތުން "ދިޔަރެސް" އަށް ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ އެކްސްޕޯއަށް އަންނަ މީހުންނަށް އެކި އިނާމްތައް ކޮންމެ ދުވަހު ލިބެމުންދާ ކަމަށެވެ. އެގޮތުން މި އެކްސްޕޯގެ ފަހު ދުވަހު ޏ. ފުވައްމުލަކާއި ޅ. ހިންވަރާއި ވެލިދޫ އަދި މާފުއްޓަށްވެސް ގުރުއަތުން ހޮވޭ މީހުންނަށް ދަތުރު ކުރުމަށް ޓިކެޓް ލިބިގެންދާނެ ކަމަށެވެ. އަދި ދިރާގާއި ބޭންކް އޮފް މޯލްޑިވްސް އިން ވެސް ޚާއްސަ އިނާމުތައް ދެމުންދާ ކަމަށެވެ.
ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލް ހުރިއިރު ވަރަށް ގިނަ އާންމުން އެ ސްޓޯލްތަކަށް އަންނަމުންދާ ކަމަށެވެ. އަދި އެކި ރަށްތަކުގެ ތަފާތު ކެއުމުގެ ބާވަތްތަކުގެ ރަހަ ބެލުމުގެ ފުރުސަތު އާންމުންނަށް ލިބޭ ކަމަށާއި އިއްޔެ ވެސް ވަރަށް ގިނަ މީހުންނަށް އެކްސްޕޯއަށް ޒިޔާރަތްކުރި ކަމަށެވެ.
މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. މި ރަށްރަށުން ވަނީ އެ ރަށްރަށުގައި ހުރި ޚާއްސަ ކަންކަމާއި ރަށްރަށުގެ ސަގާފަތާއި ހާއްސަ ކާބޯތަކެތި ދައްކާލާފައެވެ.
މިއީ ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ އެކްސްޕޯއެކެވެ. މިރޭ 11:30 ވަންދެން މި އެކްސްޕޯ ހުޅުމާޅެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.