Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ޕާކު ކުރަން ހަމަ ކޮންމެ ތަނެއްވެސް ވަރިހަމަތަ؟

ދިޔަރެސް ގްރެފިކްސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ވަސީލަތްތަކަށް އިޙްތިރާމް ނުކުރާ މައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި ފެންނަ އެންމެ ބޮޑު އެއް މައްސަލައެވެ. އެންމެ ކުޑަމިނުން މިފަދަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ރޭމްޕުތަކާއި ޕާކިންގ ސަރަޙައްދުތަކުގައި އެހެން ފަރާތްތަކުން އުޅަނދުފަހަރު ޕާކުކޮށްލަނީ ހަމަ އެއްވެސް ކަމަކާއި މެދު ވިސްނާލުމެއް، ފިކުރު ހިންގާލުމެއް ނެތިއެވެ. ފަސޭހައަކަށް ސައިކަލް ޕާކް ކޮށްލުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ ތަކުލީފުތައް ކުރިމަތިވާކަން އެއީ ސައިކަލް ޕާކް ކޮށްލާ މީހާގެ ފިކުރުގައި އެއްވެސް ވަރަކަށް ބަހައްޓާ ކަމަކަށް ނުވެއެވެ. އެއީ އެމީހަކު ގަމާރު ކަމުން ހެއްޔެވެ؟ އެ ރޭމްޕުތަކާއި ޕާކިންތައް ހާއްސަކޮށްފައިވާ ސަބަބު ވިސްނައިލެވޭހާ ޖާގަވެސް ސިކުނޑީގައި ނެތީހެއްޔެވެ؟ ކޮންމެ ކަމެއް ހުއްޓުވަން ވަރުގަދަ ފިޔަވަޅު އަޅަން މަޖުބޫރުކުރުވާ ވަރު ހަމަ ކުރަން ޖެހޭ ހެއްޔެވެ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ތަންތަނުގައި އެހެން ފަރާތްތަކުން އުޅަނދުފަހަރު ޕާކުކުރުމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަންތަން ބޭނުންކުރުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކަށް ޢިމާރާތްތަކަށް ވަދެނިކުމެ އުޅުމަށް ދަތިވެ، އެފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޕާކިންގ ސަރަޙައްދުތައް ބޭނުންކުރުމަށް ހުރަސްއެޅެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބެލެނިވެރިޔަކު އޭނާއަށް ކުރިމަތިވެފައިވާ މައްސަލަ ވަނީ ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާގޮތުގައި މި މައްސަލައިގެ ސަބަބުން ގެއިން ނުކުމެފިއްޔާ ވެދެވޭނެ ގޮތެއް ނޯވެއެވެ. ގެއަށް ވަދެފިއްޔާ ނިކުމެވޭނެ ގޮތެއް ނޯވެއެވެ. އަދި މިކަމުގެ ސަބަބުން ވަދެ ނިކުތުމަށް އެހެން ބައެއްގެ އެހީތެރިކަން ހޯދާ ރޭމްޕު ހުސްކުރުމަށް ހޭދަކުރަން ޖެހޭ ވަގުތު އިތުރުވެއެވެ.

"އެކްސެސިބަލް ނޫންވީމަ ވަރަށް އުނދަގޫ، ވައްދަން އުޅެން ޖެހެނީ ވަރަށް ދަތިގޮތަކަށް، މީހަކަށް ގޮވައިގެން ނޫން ގޮތަކަށް ގެއަށް ވަދެވިއްޖެއްޔާ ނުއެއް ނިކުމެވޭ، ނިކުމެވިއްޖެއްޔާ ނުއެއް ވަދެވެ، ޕާކުކޮށްފައި ހުންނަނީ ރޭމްޕް މަތީގައި" ބެލެނިވެރިޔާ އޭނާގެ ދަތިތައް ހިއްސާކުރަމުން ބުންޏެވެ.

ޤާނޫނީ ނަޒަރަކުން ބަލާއިރުވެސް މިއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ވަސީލަތްތަކަށް އިޙްތިރާމްކުރުމަކީ ޤާނޫނީ ޒިންމާއެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. މިފަދަ ތަންތަނުގައި ހުއްދަ ނޫން ގޮތުގައި އުޅަނދުފަހަރު ޕާކުކުރުމަކީ ޤާނޫނާ ޚިލާފު އަމަލެކެވެ.

މުޖުތަމަޢުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ އެއްބަޔަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އެފަރާތްތަކަށް ޚާއްސަކޮށްފައިވާ ރޭމްޕުތަކުގައި ޕާކިން އޭރިއާގައި އާއްމު ފަރުދުން ޕާކު ކުރަނީ ޕާކު ކުރާނެ ޖާގަ ފަސޭހައިން ނުލިބުމުން ނުވަތަ އަވަހަށް ތަނަކަށް ވަންނަން ނުވަތަ އެނޫންވެސް އެހެން ސަބަބަކާއި ހުރެއެވެ. ނަމަވެސް އެފަރާތްތަކުގެ ނަޒަރުން ވިސްނައިލަމާ ހިނގާށެވެ. އެ ރޭމްޕު ނުވަތަ އެ ޕާކިންގ އޭރިއާ އެ ހާއްސަކޮށްފައިވާ ފަރާތަށް އެހެން ތަނަކުން ވަދެ ނިކުމެވެން އެބަ އޮތް ހެއްޔެވެ؟ އާއްމު ޕާކިންގ އޭރިއާއެއްގައި ޕާކު ކުރަން އެ ފަރާތްތަކަށް އެބަ ފުރުޞަތު ލިބޭ ހެއްޔެވެ؟ އެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ސަރަހައްދު އެފަރާތްތަކަށް ލިބެން ނެތުމުން އެފަރާތްތައް ތިބެނީ ގޮތް ހުސްވެފައެވެ.

އެހެންކަމުން މި މައްސަލަ ހައްލުކުރުމަށްޓަކައި ހަރުކަށި ފިޔަވަޅު އަޅަން ފެށުމުގެ ކުރިން މިކަން ހުއްޓަން މަސައްކަތް ފަށާ މީހާއަށް ތިބާ ވާން އެބަ ޖެހެއެވެ. އެ ފަދަ ސަރަހައްދެއްގައި ޕާކު ކުރާ މީހަކަށް ތިމާ ނުވާށެވެ. އަދި އެފަދަ ތަނެއްގައި އެހެން މީހަކު ޕާކު ކުރާ ތަން ފެނިއްޖެ ނަމަ އެކަން ނުކުރުމަށް އެމީހަކަށް ނަސޭހަތްތެރިވެދޭށެވެ.

މި މައްސަލައާ ގުޅިގެން އާއްމު ފަރުދަކަށް ސުވާލުކުރުން ބުނީ އެފަދަ ސަރަހައްދުތަކުގައި އޭނާވެސް ބައެއް ފަހަރު ސައިކަލު ޕާކުކުރެވޭކަމަށާއި އެފަދައިން އަމަލު ކުރެވެނީ ޕާކު ކުރާނެ އެހެން ތަނެއް ނުފެނުމުންކަމަށެވެ.

"އަސްލު ވިސްނައި ނުލައި މިފަދަ ތަންތަނުގައި ޕާކު ކުރެވޭ. އަވަހަށް ފިހާރައަކަށް ވަންނަން ނޫނީ އޮފީހަށް ވަންނަން، ދެން އެންމެ ފަސޭހައިން ޕާކުކުރަން މި ލިބެނީ މިކަހަލަ ތަނެއް. އެކަމު މި ފަހަކުން ވީޑިއޯއެއް އާއްމުވީމަ އަސްލު މި ރިއެލައިޒްވީ މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން." އޭނާ ބުންޏެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް:

  • - ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގުން
  • - ޖޫރިމަނާކުރުމުގެ ނިޒާމު ހަރުދަނާކުރުން
  • - ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުން
  • - ސީސީޓީވީ ކެމެރާ ބެހެއްޓުން
  • - ޚާއްޞަ ފާހަގަތައް ސާފުކޮށް ފެންނަގޮތަށް ބެހެއްޓުން

މާލެ ސަރަހައްދުގައި މަގުތައް ބެލެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ މާލެ ސިޓީ ކައުންސިލަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރޭމްޕުތައް ގާއިމްކޮށްދިނީ އެ ކައުންސިލުންނެވެ. އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަކީވެސް އެ ކައުންސިލުން ކުރަން ޖެހޭނެ ކަމެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ރޭމްޕްތަކުގައި ޕާކުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ މީޑިއާ އޮފިސަރެއް "ދިޔަރެސް"އަށް ވިދާޅުވީ މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިކަމަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރަމުންގެންދާކަމަށެވެ. އެގޮތުން އެފަދަ އުޅަނދުތައް ޓޯކުރުމާއި ފައިންކުރުމާއި ވެރިފަރާތަށް ގުޅައިގެން އެ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ރޯޑް ޕޮލިސްއިން އެފަދަ އުޅަނދުތައް ޓޯކުރުމާއި ފައިންކުރުމާއި ވެރިފަރާތަށް ގުޅައިގެން އެ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން" އޮފިސަރ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މިކަން ކުރަމުންދަނީ މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމާއެކު އެކަމަށް ފޯކަސްކޮށްގެން ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދިޔަ 'އަހާ' ފޯރަމްގައި ވާހަކަ ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިމާރާތްތަކަށާއި، އާންމު ތަންތަނަށް ފަސޭހައިން ވަދެވޭނެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

ބައެއް އިމާރާތްތަކާއި ޕާކުތަކާއި މައިޒާންފަދަ އާންމު ތަންތަން ހަދާފައި ހުންނަ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަންތަނަށް ވަދެނިކުތުމުގައި ދަތިތަކަކާ އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެފަދަ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާކަމަށެވެ.

"ރައީސް ޑރ. މުޢިއްޒު ނިންމަވައި އަންގަވާފައިވަނީ މިހާރު ހަދަމުންދާ ހުރިހާ އިމާރާތެއްވެސް، އަދި ރައްޔިތުން ޒިޔާރަތްކުރާ ޕާކުތައްވެސް ވީލްޗެއަރސް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެވޭގޮތަށް ޕްލޭންތައް ހެދުމަށް. އަދި ހެދިފައިހުރި ޢިމާރާތްތަކަށްވެސް އެބަދަލު ގެނައުމަށް އަންގަވާފައިވަނީ. އެކަމަށް ކަމާބެހޭ ފަރާތްކާ މަޝްވަރާކޮށް އެބަދަލުތައް ގެންނަމުންދާނަން. މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް އެ ބަދަލު ގެންނަމުންދާނަން." ވަޒީރު ވިދާޅުވިއެވެ.

މުޖުތަމަޢުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ އެއްބަޔަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންވެފައިވާއިރު އެފަރާތްތަކަށް މުޖުތަމަޢުގައި ފަސޭހައިން އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް އިޙްތިރާމްކުރަން ޖެހެއެވެ. އަދި މިފަދަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ވަސީލަތްތައް ބޭނުންކުރުމުގައި އެހެން ފަރާތްތަކުން ފަރުވާތެރިވާން ޖެހެއެވެ. މިކަމަކީ އިންސާނީ ޙައްޤުތަކާ ގުޅިފައިވާ މައްސަލައެއްކަން ވިސްނަން ޖެހެއެވެ. މިކަމުގައި ސަރުކާރާއި، އަމިއްލަ ފަރުދުންނާއި، މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަކީ މުހިންމުކަމެކެވެ. މިކަމަށް ސަމާލުކަން ދީ، އިޙްތިރާމްކޮށް، އެހީތެރިވެދޭން ޖެހެއެވެ.

ޚާއްސަ ޕާކިންގ ސަރަޙައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ގަވާއިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކަށް ވަގުތުން ޖޫރިމަނާ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ޕާކިންގ ސަރަޙައްދުތަކުގައި އިލެކްޓްރޯނިކް ސެންސަރ ބޭސްޑް ބެރިކޭޑް ސިސްޓަމެއް ޤާއިމުކުރުމާއި މުޖުތަމަޢު ހޭލުންތެރިކުރުމަށް ޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމާއި ހުއްދަ ނެތް އުޅަނދުފަހަރު ޓޯކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީވެސް މި މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.

މި ލިއުމާއި ގުޅޭ