ޗައިނާއިން ދިވެހިރާއްޖެއަށް އައި ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ބައި ލައްކައަށްވުރެ އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިވަގުތު ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 50,979 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 16.8 އިންސައްތައެވެ.
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 303,447 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.7 އިންސައްތަ އިތުރު އަދަދެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ އެ މުއްދަތުގައި 239,555 ފަތުރުވެރިން ރާއްޖެ ޒިޔާތް ކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި 279,234 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,137 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 172 ރިސޯޓާއި 796 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީ އާއި 15 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 61,027 އެނދު އޮޕަރޭޓްކުރެއެވެ.