ކުރިން ވެސް ކަނޑައަޅާފައިވާ ގޮތައް އިސްރާއީލްގެ ތިން ރަހީނުން މާދަމާ މިނިވަން ކުރާނެ ކަމަށް ހަމާސްއިން ބުނެފިއެވެ.
އިސްރާއީލުން އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ރަހީނުން ދޫކޮށްލުމަށް އެ ޖަމާޢަތުން އަޒުމް ކަނޑައަޅާފައިވާ ކަމަށް ހަމާސް އިން ވަނީ މިހާރު ބުނެފައެވެ.
ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ހަމާސްއިން ބުނެފައިވަނީ "ސޮއިކުރެވިފައިވާ ގޮތުގެ މަތިން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ރަހީނުން ދޫކޮށްލުން ހިމެނޭ ގޮތަށް އެއްބަސްވުން ތަންފީޒުކުރުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނަން." ކަމަށެވެ.
ހަމާސްގެ ސްޕޯކްސްޕާސަން އަބްދުލް ލަތީފް އަލް-ޤަނޫއާ އެނަދޯލޫ ނޫސް އެޖެންސީއަށް ހާމަކުރެއްވި ގޮތުގައި، އިސްރާއީލުން ހުއްޓުމަކަށް ގެނައުމަށް އެއްބަސްވެފައިވާ ކަންތައްތަކާއި އެއްގޮތަށް ޢަމަލުކުރާނަމަ، ހޮނިހިރު ދުވަހު ބަންދުގައި ތިބި މީހުން ދޫކޮށްލާނެއެވެ.
"އިސްތިއުމާރީން ވަނީ އެތައް ފަހަރެއްގެ މަތިން އެއްބަސްވުމާ ޚިލާފުވެފައި، އެއީ ގެދޮރު ދޫކޮށްފައި ދިޔަ މީހުން އެނބުރި އައުން ހުއްޓުވުމުގައި ވިޔަސް ނުވަތަ އިންސާނީ އެހީ ވެއްދުން ހުއްޓުވުމުގައި ވިޔަސް" އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން އެއްބަސްވުމުގެ ޝަރުތުތަކާ އެއްގޮތަށް ޢަމަލު ނުކުރާނަމަ، ރަހީނުން ދޫކުރުމުގެ މަސައްކަތް ކުރިއަކަށް ނުދާނެއެވެ."
ބުރާސްފަތި ދުވަހު އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދިން ފަލަސްތީނު މަސްދަރެއް ބުނާ ގޮތުގައި، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދާ މެދުވެރިން ވަނީ އިސްރާއީލުގެ ފަރާތުން "މިއަދު ހެނދުނުން ފެށިގެން އިންސާނީ ޕްރޮޓޮކޯލެއް އެކުލަވާލުމުގެ" މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ހޯދާފައެވެ. މިއީ ވީރާނާވެފައިވާ ސަރަޙައްދަށް އިމާރާތްކުރުމުގެ އާލާތްތަކާއި ވަގުތީ ބޯހިޔާވަހިކަން ވެއްދުމަށް ހުއްދަ ދިނުމަށްޓަކައެވެ.
މެދުކެނޑުމެއްނެތި ފަލަސްތީން ރައްޔިތުންނަށް ހަމަލާދީ، މީހުން ޝަހީދު ކުރުން އިސްރާއީލުން ހުއްޓާ ނުލާތީ އާއި އެއްބަސްވެފައިވާ އަދަދަށް ޣައްޒާއަށް ޓެންޓުތަކާއި، ހިޔާވަހިކަމަށް ބޭނުންވާ ތަކެއްޗާއި އަދި އެހެނިހެން މުހިންމު އެހީތައް ވެއްދުމަށް ހުރަސް އަޅާތީ، ހޮނިހިރު ދުވަހު ގައިދީން ދޫކުރަން ހަމާސް އިން ވަނީ ކުރިން ދެކޮޅު ހަދާފައެވެ.
ޖެނުއަރީ 19 ގައި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން، އިސްރާއީލުން މަދުވެގެން 92 ފަލަސްތީނުން ޝަހީދުކޮށްލައި، 800 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފައިވާ ކަމަށް ފަލަސްތީނު މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވެއެވެ.
ބުދަ ދުވަހު ހަމާސްގެ ވަފުދެއް މިސްރުގެ ގާހިރާއަށް ޒިޔާރަތްކޮށް، މިސްރާއި ގަތަރާއެކު ސުލްހައިގެ އެއްބަސްވުމާއި ބެހޭގޮތުން މަޝްވަރާކުރިއެވެ.
މިސްރުގެ ސަރުކާރާ ގުޅުންހުރި މީޑިއާތަކުން ބުނެފައިވަނީ ބުރާސްފަތި ދުވަހު މިސްރުން ޣައްޒާއަށް ވެއްދުމަށް ބޮޑެތި މެޝިނަރީތަކާއި މޮބައިލް ހޯމްތައް އުފުލާ ޓްރަކްތައް ތައްޔާރަށް ހުރި ކަމަށެވެ. އޭއެފްޕީ ނިއުސް އޭޖެންސީން ހިއްސާކޮށްފައިވާ ފޮޓޯތަކުގައި ބޯޑަރުގެ މިސްރު ފަރާތުގައި ބުލްޑޯޒަރުތަކެއް އޮތްތަން ވެސް ފެނެއެވެ. ނަމަވެސް، އިސްރާއީލުން ފަހުން ބުނެފައިވަނީ އެތަކެތި ބޯޑަރުން ވެއްދުމަށް ހުއްދަ ނުދޭނެ ކަމަށެވެ.