ޢައްޒާގެ ރައްޔިތުން ބޭރުކޮށް ޣައްޒާ "ހުސްކުރަން" ރާވާ ރޭވުން ބަލައެއް ނުގަނެވޭނެ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެކްޓިން އެމްބެސެޑަރ ހެ ފެން ވިދާޅުވެއްޖެއެވެ.
ދާދި ފަހުން އެމެރިކާއިން ވަނީ ޣައްޒާ "ކޮންޓްރޯލް" ކޮށް، ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމުގެ ޕްލޭނެއް ހުށަހަޅާފައެވެ.
މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެކްޓިން އެމްބެސެޑަރ ހެ ފެން "މޯލްޑިވްސް ޖާނަލް" ގައި ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވީ "ކްލީން އައުޓް" ޣައްޒާގެ ވިސްނުމުގެ ސަބަބުން މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވެގެންދާނެ ކަމަށެވެ.
އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތައް ފެށި ފަހުން ޣައްޒާގައި ގާތްގަނޑަކަށް 50،000 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ އިން ވަނީ ބުނެފައެވެ. މިދަނޑިވަޅުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އަނިޔާއާއި އިހާނެތިކަން އިތުރުކުރުމުގެ ބަދަލުގައި ޚާއްޞަކޮށް ބޮޑެތި ބާރުތައް ގުޅިގެން، ޣައްޒާ އަލުން އާރާސްތުކުރުމަށް އިންސާނީ އެހީއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ހެ ފެން ވިދާޅުވިއެވެ.
"އަޅުގަނޑަށް ފާހަގަކުރެވުނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ރިޔާސީ ބަޔާން އިއްވަވަމުން ފަލަސްޠީނުގެ ރައްޔިތުންގެ ޤާނޫނީ ޤައުމީ ޙައްޤުތައް ވަރަށް ބޮޑަށް ދިފާޢުކުރެއްވިތަން. ހަނގުރާމައާއި މީހުން މެރުމަށް ނިމުމެއް ގެނައުމަށާއި ފަލަސްތީނުގެ މައްސަލަ އަލުން ދެ ދައުލަތުގެ ހައްލުގެ ރަނގަޅު މަގަށް ގެނައުމަށް ރާއްޖެ ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރަން ޗައިނާ އިން ތައްޔާރަށް އޮތް އިރު، އަވަސް ތާރީހެއްގައި ފުރިހަމަ، އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ މަގުސަދުގައި މަސައްކަތް ކުރަން ޗައިނާ އިން ތިބީ ތައްޔާރަށް." ހެ ފެންގެ ލިޔުއްވުމުގައި ވިދާޅުވެފައި ވެއެވެ.
ޣައްޒާ "ހުސްކުރުމަށް" އެމެރިކާއިން ގެންގުޅޭ ޕްލޭން ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ކުއްވެރިކޮށޤފައެވެ. އަރަބި ގައުމުތަކުން ވަނީ ފަލަސްތީނު މީހުން ބޭރުކުރުމާ ދެކޮޅަށް ނުވަތަ އެއްވެސް ސިފައެއްގައި ނުވަތަ އެއްވެސް ބަހަނާއެއް ދައްކައިގެން ފަލަސްތީނުގެ ބިމުން އެމީހުން ބަދަލުކުރުމަށް މަސައްކަތް ނުކުރުމަށް އެދިފައެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން އެމެރިކާގެ ވާހަކަތަކާ ވަރަށް ސާފުކޮށް ދެކޮޅު ހަދާފައިވެއެވެ.
2025 ވަނަ އަހަރަކީ އދ އުފެދުނުތާ 80 އަހަރު ފުރޭ އަހަރެވެ. އަނިޔާވެރިކަމާއި ދެކޮޅަށް ދުނިޔޭގެ ރައްޔިތުންގެ އަޑުތަކާއި ސުލްހައަށް އެދުމާއި އަދުލުވެރިކަމާއި އަދުލު އިންސާފު ދިފާއުކުރުމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.