ކޮންމެ ދުވަހަކުވެސް ކުދިން ސުކޫލުން އަންނާނީ އަށްގަޑިއިރު ސްކޫލުގައި ކިޔަވައި ހަވާލުކުރާ އެހެނިހެން ކަންކަން ކޮށްފައެވެ. ސުކޫލުން އަންނައިރު އެކުދިން ހުންނާނީ ވަރަށް ވަރުބަލިވެ ލޮޑުވެފައެވެ. ނަމަވެސް އެކުދިން ގެއަށް ފޮނުވުމުގެ ކުރިން ހުރިހާ މާއްދާއަކުން ބައިވަރު ހޯމްވޯކް ދޭނެއެވެ. ގެއަށް އައިސް ވަރުބަލި ފިލުވާލާނެ ވަގުތެއް ނުވެ އެކުދިން ޖެހެނީ ހޯމްވޯކް ނިންމުމައިގެން އުޅޭށެވެ.
"މި ދެން ހަމަ ކޮންމެ ދުވަހަކު ހަދަން ޖެހޭތަ. މިސް މި ހަދާ ގޮތެއް ވެސް ކިޔާ ނުދޭ. ފިލާވަޅުތައް ނިންމާފަ ކުޅެލަން ވަގުތެއް ނުވޭ" އެތައް ދަރިވަރުންނެއްގެ ޝަކުވާއަކީ މިއެވެ.
މިއީ ކޮންމެ ދުވަހަކުވެސް ކަން ހިނގާ ގޮތެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ނުރަނގަޅު އަސަރުކޮށް ނުރަނގަޅު އާދަތަކެއް ހަރުލާފާނެއެވެ.
ރާއްޖޭގެ ސްކޫލްގައި ހޯމްވޯކް ދިނުމުގެ އާދަ ފެށިގެން އައީ ބޭރުގެ ތަޢުލީމީ ނިޒާމުތަކުގެ ނުފޫޒާ އެކުގައެވެ. އަހަރުތަކެއް ކުރިން ރާއްޖޭގެ މަދަރުސާތަކުގައި ހޯމްވޯކް ދިނުމުގެ އާދައެއް ނެތެވެ. ނަމަވެސް، ބޭރުގެ ތަޢުލީމީ ނިޒާމުތަކުގެ ނުފޫޒާއެކު، މި އާދަ ރާއްޖެއަށް ތަޢާރަފުވެގެން ދިޔައެވެ. މިހާރު ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ކޮންމެ މާއްދާއަކުން ވެސް ކޮންމެ ދުވަހަކު ހޯމްވޯކް ދެއެވެ. މީގެ ސަބަބުން ދަރިވަރުންނަށް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ހޯމްވޯކް ހަދަން ޖެހެއެވެ.
ތައުލީމީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ދެކިވަޑައިގަންނަވާ ގޮތުގައި ކުލާހުގައި ދޭ މަސައްކަތެއްގެ ބާކީ ބައި ގޭގައި ނިންމަން ދިނުން ފިޔަވައި އިތުރު ހޯމްވޯކް ދިނުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އެއީ ގިނަ ފަހަރަށް ދަރިވަރުން އަމިއްލައަށް ހޯމްވޯކް ނުހަދާ، އެހެން މީހުން ލައްވާ ހަދުވާތީއެވެ.
"ހޯމްވޯކް އެކޭ ކިޔާފައި ހޯމްވޯކް އެއް ދިނުމަކީ ގޯހެއް، ރާއްޖޭގެ އިތުރުން ދުނިޔޭގެ ހާލަތަށް ބަލާއިރު ވެސް ކުދިން ހޯމްވޯކް ހަދާނީ އަމިއްލަ އަކަށް ނޫން. ކޮންމެވެސް މީހެއްގެ އެހީތެރި ކަމާއެކު މީހަކު ލައްވާ ހަދުވާނީ" މުހައްމަދު އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން، މުދައްރިސުން ހޯމްވޯކް އެކަށީގެންވާ ގޮތެއްގައި އިވެލުއޭޓް ނުކުރާކަން ވެސް މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޓީޗަރުން ހޯމްވޯކްތައް މާބޮޑަކަށް އިވެލުއޭޓް ނުކުރާ ކަމަށާއި، ހަމައެކަނި ފޮތްތައް މާކު ކުރާ ދުވަހު ބަލާލުން ފިޔަވައި އިތުރު އިވެލުއޭޝަނެއް ނުކުރާ ކަމަށެވެ. މިހެން ވުމުގެ ސަބަބުން ހޯމްވޯކް އިން ކުއްޖާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮންމެ ދުވަހަކުވެސް ހޯމްވޯކް ހެދުމަށް ދަރިވަރުން ދުވާލުގެ ބޮޑުބައި ހޭދަކުރެއެވެ. މި ކަމުގެ ސަބަބުން ސްޓްރެސް، ހާސްކަން، އަދި ބާންއައުޓް އަށް މަގުފަހިވެ، ދަރިވަރުންގެ ނަފްސާނީ ސިއްހަތާއި މޮޓިވޭޝަނަށް އަސަރުކުރެއެވެ.
"ގޭގައި ހުރިހާ ވަގުތެއް ހޯމްވޯކް ހަދަން ހޭދަ ކުރަން ޖެހުމުން ދަރިވަރުން ކިޔެވުން މަތިން ފޫހިވާނެ " އެހެން މުދައްރިސަކު ވިދާޅުވިއެވެ.
ހޯމްވޯކް ހެދުމަށް ހުރިހާ ވަގުތެއް ހޭދަކުރަން ޖެހުމުން ދިރިއުޅުމުގެ ހުނަރުތައް ދަސްކުރުމަށް ދަރިވަރުންނަށް ވަގުތު ނުވާ ކަމަށާއި ގެވެހިކަން ދަރިވަރުންނަށް ދަސް ނުވާކަމަށް ވެސް އެ މުދައްރިސް ވިދާޅުވިއެވެ.
ހޯމްވޯކް އަކީ އޭގެ ޒާތުގައި ދަރިވަރުންނަށް ނުރަނގަޅު އަސަރުތަކެއް ދަރިވަރުންނަށް ކުރުވާނެ އެއްޗެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި ހޯމްވޯކް ދޭ ގޮތުން ދަރިވަރުންގެ ގައިގައި ނުރަނގަޅު އާދަތަކެއް ހަރުލުމަށް މަގުފަހި ކުރުވާކަމަށް ގިނަ އެދުރުން ބުނެއެވެ.
ހޯމްވޯކްގެ ސަބަބުން ދަރިވަރުންގެ މެދުގައި ކޮޕީ ކުރުމުގެ އާދަ އަށަގަންނަ ކަމަށް ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ. މުޙައްމަދު ޢަލީ ގެ އިތުރުން ގިނަ މުދައްރިސުން ގަބޫލުކުރައްވާ ގޮތުގައި، ހޯމްވޯކްގެ ސަބަބުން ކޮޕީ ކުރުން ފަދަ ނޭދެވޭ އާދަތައް ދަރިވަރުންގެ މެދުގައި އަށަގަތުމަށް މަގުފަހިވެއެވެ. މިއީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ދިރާސާކުރުމުގެ ހުނަރު ކުރިއެރުވުމަށް ހުރަސްއެޅޭނެ ކަމެކެވެ.
"އެއްބައި ކުދިން ހޯމްވޯކް ހަދައިގެން ސުކޫލަށް އައީމަ، އަނެއްބައި ކުދިން ކޮޕީ ކުރަނިކޮށް އެބަ ހުރި ވަރަށް ގިނަ ފަހަރު ފެނިފައި" މުދައްރިސަކު ވިދާޅުވިއެވެ
ހޯމްވޯކްގެ ސަބަބުން ދަރިވަރުންގެ ގައިގައި އަށަގަންނަ އެއް ނުރަނގަޅު އާދައަކީ މީހުންނަށް ބަރޯސާވުން ނުވަތަ ޑިޕެންޑް ވުމުގެ އާދައެވެ. ބެލެނިވެރިންނާއި އެހެން މީހުންގެ އެހީތެރިކަމަށް ތަކުރާރުކޮށް ބަރޯސާވުމުގެ ސަބަބުން، ދަރިވަރުންގެ އަމިއްލަ މަސައްކަތުގެ ޤާބިލުކަމާއި އިތުބާރު ދަށްވެގެންދެއެވެ. މީގެ ސަބަބުން މުސްތަޤުބަލުގައި އަމިއްލައަށް މައްސަލަތައް ޙައްލުކުރުމާއި، ދަތި ޙާލަތްތަކާ ކުރިމަތިލުމުގެ ހުނަރު ލިބިގަތުމަށް ހުރަސްއެޅި، ދިރިއުޅުމުގެ އެކި ދާއިރާތަކުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދަތިވެދާނެއެވެ. މިއީ ދަރިވަރުންގެ ޝަޚްޞިއްޔަތު ބިނާކުރުމަށާއި، މުސްތަޤުބަލުގައި ކާމިޔާބު ދިރިއުޅުމެއް އުޅުމަށް ހުރަސްއެޅިދާނެ ނުރައްކާތެރި އާދައެކެވެ.
ސްކޫލެއްގެ ޕްރިންސިޕަލަކު ފާހަގަކުރެއްވި ގޮތުގައި ހޯމްވޯކްގެ ސަބަބުން ދަރިވަރުންގެ ގައިގައި އަށަގަންނަ ނުރަނގަޅު އާދަތަކުގެ ތެރޭގައި ކިޔެވުމާމެދު ފޫހިވުމާއި، މަކަރާއި އޮޅުވާލުމުގެ ޢަމަލުތަކަށް އަރައިގަތުން ހިމެނެއެވެ. ގިނަ ހޯމްވޯކްގެ ސަބަބުން ދަރިވަރުން ކިޔެވުމާމެދު ނުރުހުން އުފެދި، ސްކޫލަށް ދިއުމަށް ފަސްޖެހި، ކްލާސްތަކަށް ހާޒިރުނުވެ ހުރުމުގެ އާދަ އަށަގަންނަ ކަމަށާއި ހޯމްވޯކް ނިންމުމަށް ބާރުއެޅުމުގެ ސަބަބުން ދަރިވަރުން އިންޓަރނެޓުން ޖަވާބު ކޮޕީކުރުމާއި، އެހެން ދަރިވަރުންގެ އަތުން މަސައްކަތް ނަކަލުކުރުމާއި، ބެލެނިވެރިން ލައްވާ ހޯމްވޯކް ހަދައި ހުށަހެޅުން ފަދަ ކަންކަމަށް އަރައިގަންނަކަން ފާހަގަކުރެއްވިއެވެ.
އެ ޕްރިންސިޕަލްގެ ނަޒަރުގައި، ހޯމްވޯކް ނުނިމިގެން ދޮގު އުޒުރު ދެއްކުމާއި، ބައެއް ފަހަރު ހޯމްވޯކް ގެއްލިއްޖެ ކަމަށް ބުނެ މުދައްރިސުންނަށް އޮޅުވާލުން ފަދަ ކަންކަން ކުރާ ކަމަށްވެސް ފާހަގަކުރެއްވިއެވެ. މިފަދަ ޢަމަލުތަކަކީ ދަރިވަރުންގެ އަޚްލާޤީ މިންގަނޑަށް ނޭދެވޭ އަސަރުކޮށް، މުސްތަޤުބަލުގައި ތެދުވެރިކަމާއެކު މަސައްކަތްކުރުމުގެ އާދަ ގެއްލިގެންދާނެ ކަންކަން ކަމުގައި ވެސް ވިދާޅުވިއެވެ.
ހޯމްވޯކްގެ ސަބަބުން ދަރިވަރުންގެ ގައިގައި ނަފްސާނީ ގޮތުން ނޭދެވޭ އާދަތަކެއް އަށަގަތުމުގެ ފުރުޞަތު އޮވެއެވެ. މިސާލަކަށް، ހޯމްވޯކް ނުނިމިގެން ކަންބޮޑުވުމާއި، ނިދި ނުލިބުމާއި، ސްޓްރެސް އިތުރުވުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ ނޭދެވޭ އާދަތަކުގެ ސަބަބުން ދަރިވަރުންގެ ޖުމްލަ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް ވެސް މުދައްރިސުން ފާހަގަ ކުރެއްވިއެވެ. އަދި ހޯމްވޯކް ހެދުމަށް ގިނަ ވަގުތު ހޭދަ ކުރުމަށް ޖެހުމުގެ ސަބަބުން ދިރިއުޅުމުގެ ހުނަރުތައް ދަސްކުރަން ވަގުތު ނުވާކަމަށާއި ގެވެހިކަން ދަރިވަރުންނަށް ދަސްނުވާކަމަށް ވެސް ވިދާޅުވިއެވެ.
ސްޓޭންފޯޑް ޔުނިވަރސިޓީގެ ޑެނިސް ޕޯޕް 2014 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ގިނަ ހޯމްވޯކްގެ ސަބަބުން ދަރިވަރުންގެ މެދުގައި ސްޓްރެސް އިތުރުވެ، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރެއެވެ. މި ދިރާސާގައި ބައިވެރިވި ދަރިވަރުންގެ 56 އިންސައްތަ ކުދިން ބުނެފައިވަނީ ހޯމްވޯކްއަކީ އެކުދިންނަށް އެންމެ ބޮޑު ސްޓްރެސްގެ ސަބަބު ކަމަށެވެ.
ޑިއުކް ޔުނިވަރސިޓީގެ ހެރިސް ކޫޕަރގެ ދިރާސާއިން ދައްކާ ގޮތުގައި، ހައި ސްކޫލް ދަރިވަރުންނަށް ދުވާލަކު ގާތްގަނޑަކަށް ދެ ގަޑިއިރުގެ ހޯމްވޯކް ދިނުމުން އެންމެ ރަނގަޅު ނަތީޖާ ލިބެއެވެ.
"ހަފްތާއަކު އެއް ހޯމްވޯކް ނުވަތަ ކްލާހުގައި ދޭ މަސައްކަތުގެ ނުނިމިހުރި ބައި ގޭގައި ނިންމުމަށް ދިނުމަކީ އެކަށީގެން. ކުދިންނަށް ކްލާހުގައި ފިލާވަޅު އޮޅުންފިލުވައިދީ، ދެން ކުދިން އަމިއްލައަށް މަސައްކަތްކަތްކުރުމުން ފައިދާ ބޮޑުވާނެއެވެ. ހޯމްވޯކް ގިނައިން ދިނީމަ ގެއްލުން މި ވަނީ." މުދައްރިސް ވިދާޅުވިއެވެ
އެހެންކަމުން، މިއަށްވުރެ ގިނައިން ހޯމްވޯކް ނުދިނުމަށް ސަމާލުކަން ދޭންވާނެއެވެ. މިފަދަ ގޮތަކަށް އަމަލުކުރުމުން، ހޯމްވޯކް ގިނަވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރެވިދާނެއެވެ.
މުޙައްމަދު ޢަލީ ގަބޫލުކުރައްވާ ގޮތުގައި ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން ވަކި މިންވަރަކަށް ހޯމްވޯކް ދިނުމަކީ އެކަށީގެންވާ ހައްލެކެވެ ސަބަބަކީ އެފަދައިން އަމަލު ކުރުމުން ދަރިވަރުންނަށް ދެވޭ ހޯމްވޯކް އާއި އޭގެ ފެންވަރު ރަނގަޅުކުރެވި ހޯމްވޯކް އިން ލިބޭ ގެއްލުން ކުޑަކުރެވޭނެތީއެވެ. އަދި ހަމައެހެންމެ، ސްކޫލުގައި ވަގުތު މެނޭޖްކޮށްގެން ގިނަ މަސައްކަތްތައް ނިންމުމަކީވެސް މުހިންމު ކަމެކެވެ. މިގޮތަށް ޢަމަލުކުރުމުން، ދަރިވަރުންނަށް ލިބޭ ނޭދެވޭ އަސަރުތައް ކުޑަކުރެވި، ހޯމްވޯކްގެ ފައިދާ އިތުރުކުރެވިދާނެއެވެ.
ހޯމްވޯކް ހެދުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން، ބައެއް ދަރިވަރުންނަށް ވަކި މާއްދާތަކުން ދަތިވެދާނެތީ، އެފަދަ ހާލަތްތަކުގައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާއި، ކްލާހުގައި އިތުރު ވަގުތު ދިނުން މުހިންމެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އަމިއްލަ ޓިއުޝަން ނުވަތަ މެންޓަރިންގ ޕްރޮގްރާމްތަކަށް ހުށަހެޅުން ފަދަ ކަންކަން ކުރެވިދާނެއެވެ. މިގޮތަށް ޢަމަލުކުރުމުން، ދަރިވަރުންނަށް އޭގެ އެންމެ ފައިދާހުރި ގޮތުގައި ހޯމްވޯކްގެ ބޭނުން ހިފޭނެއެވެ.
"ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް, މިކަމުގެ ސަބަބުން ދަރިވަރުންގެ އަމިއްލަ އިތުބާރު އިތުރުވެ، ކިޔެވުމަށް ޝައުޤުވެރިކަން އިތުރުވާނެއެވެ،އެދެވޭ ގޮތުގައި ހޯމްވޯކް ހަދާނަމަ ކުއްޖާއަށް އަމިއްލައަށް މަސައްކަތްކުރަން ދަސްވާނެ " މުދައްރިސަކު ވިދާޅުވިއެވެ.
މިކަމަށްޓަކައި، ހޯމްވޯކް ދިނުމުގައި ދަރިވަރުންގެ ފެންވަރަށް ބަލައި، އެކަށީގެންވާ މިންވަރަކަށް މަސައްކަތް ދިނުމަކީ މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ، ހޯމްވޯކް ހެދުމުގައި ބޭނުންވާ ވަސީލަތްތައް ދަރިވަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް މުހިންމު ކަމެކެވެ.
ސްކޫލުތަކުން ހޯމްވޯކް ދިނުމުގައި ގެންގުޅޭ ބައެއް އުސޫލުތަކުގެ ސަބަބުން ދަރިވަރުންގެ ގައިގައި ނުރަނގަޅު އާދަތަކެއް އަށަގަތުމުގެ ފުރުޞަތު އޮތްކަން މި ދިރާސާތަކުންނާއި މާހިރުންގެ ޚިޔާލުތަކުން ހާމަވެއެވެ. ނަމަވެސް، މިއީ ކޮންމެހެން ހޯމްވޯކްގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ހޯމްވޯކް ދިނުމުގައި ގެންގުޅޭ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިފަދަ މައްސަލަތައް ކުރިމަތިވަނީއެވެ.
ހޯމްވޯކްގެ މިންވަރު ގިނަވުމާއި، ދަރިވަރުންގެ ފެންވަރަށް ނުބަލައި އެއް ހަމައަކުން ހޯމްވޯކް ދިނުމާއި، އަދި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކޮޕީކުރުމާއި، މަކަރުހެދުމާއި، އޮޅުވާލުން ފަދަ ނުރަނގަޅު އާދަތައް އަށަގަތުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް، މިކަންކަން ހައްލުކުރުމަށް އެޅިދާނެ ގިނަ ފިޔަވަޅުތަކެއް ހުރިކަން ފާހަގަކުރެވެއެވެ.