Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މީހަކު މަރަން ރޭވިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

މާލޭގެ ދެ ގޭންގެއްގެ ދެމެދުގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން، ގަސްތުގައި މީހަކު މަރާލަން ރޭވިކަމުގެ ތުހުމަތުގައި 21 އަހަރުގެ ޒުވާނަކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރެވުނު ފަރާތަކީ އަބްދުﷲ އުދައްޔު (21 އަހަރު) ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް ބޭއްވުނު ބަންދު މަޖިލީހުގައި ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، އުދައްޔުއަކީ މާލޭގައި މިވަގުތު ހަރަކާތްތެރިވަމުންދާ ވަކި ގޭންގަކަށް ނިސްބަތްވާ މީހެއްކަން އެނގެއެވެ.

ފުލުހުން ދިން މައުލޫމާތުގައި، އުދައްޔު ނިދަން ގޮސްއުޅެނީ އޭނާގެ ގޭންގުން ސޭފްހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ގެއަކަށް ކަމަށާއި، އޭނާއަކީ އިދިކޮޅު ގޭންގުގެ މެންބަރުން "ލޮކޭޓް" ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހެއްކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އުދައްޔުއަކީ މީގެ ކުރިންވެސް އޭނާ ނިސްބަތްވާ ގޭންގުގެ އެހެން މެންބަރުންނާއެކު ހައްޔަރުކުރެވިފައިވާ މީހެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. މިވަގުތު މާލޭގައި ހިނގަމުންދާ ގޭންގު މާރާމާރީތަކުގައި އޭނާގެ ދައުރެއް އޮތްކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

މާލޭގައި އިތުރުވަމުންދާ ގޭންގު މާރާމާރީތަކާ ގުޅިގެން ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މިފަދަ ކުށްތައް ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއީ އެޅުނު އިތުރު ފިޔަވަޅެކެވެ
މި ލިއުމާއި ގުޅޭ