ހައުސް ޕްލާޒާ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލު ކުރި 55 މީހުންގެ ތެރެއިނ 33 މީހަކު އަދިވެސް ވަގުތީ ބޯހިޔާވަހިކަމުގައި އެބަ ތިބި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭ އިން ބުނީ މިދިޔަ އާދިއްތަ ދުވަހު މ. ހައުސް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ވަގުތީ ބޯހިހިޔާވަހިކަމަށް ބަދަލުކުރި ފަރާތްތަކުގެ ތެރެއިން 35 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށާއި އެމީހުންގެ އަމިއްލަ ގެދޮރަށް ބަދަލުކުރެވޭނީ އެތަންތަން މަރާމާތުކޮށްގެންކަމަށެވެ.
މ. ހައުސް ޕްލާޒާ ގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާ ހިނގީ ހައުސް ޕްލާޒާގައި ހުރި ކުނިތަކެއްގައި ރޯވުމުން ކަމަށާއި މި ޙާދިސާގެ ސަބަބުން ހައުސް ޕްލާޒާ ކައިރީގެ ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވާކަމަށެވެ.
އެ ހާދިސާ އެމްއެންޑީއެފް އަށް މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 6:35 ހާއިރު ރިޕޯޓުކޮށްފައިވާއިރު ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ހެނދުނު 07:47 ހާއިރު އަލިފާން ނިއްވާލާފައިވެއެވެ. އެ ގޭގައި މީގެ ކުރިންވެސް އަލިފާނުގެ ޙާދިސާތަކެއް ހިނގާފައިވެއެވެ.